ދުނިޔެ

ގަދަ ހޫނުގައި 700 އަށް ވުރެ ގިނަ މީހުން މަރުވުމުން ޕާކިސްތާން ކުއްލި ހާލަތަށް!

Jun 24, 2015

ޕާކިސްތާނުގެ ދެކުނު ބިތުގައި އޮންނަ ސިންދު ޕްރޮވިންސުގައި އާދަޔާހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 700 އަށް ވުރެ މައްޗަށް އެރުމާ އެކު، ކުއްލި ފިޔަވަޅުތައް އެޅުމަށް ބޮޑުވަޒީރު ނަވާޒް ޝަރީފް އިއްޔެ އަންގަވައިފި އެވެ.

އެންމެ ގިނަ މީހުން މަރުވި އެ ޕްރޮވިންސްގެ ކަރާޗީގެ ހޫނުމިން ވަނީ 45 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަަށް ގޮސްފަ އެެވެ. އެއާ އެކު، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓް ދިއުމުގެ މައްސަލަ ވަނީ ބޮޑުވެެފަ އެވެ. މީގެ ކުރިން ކަރާޗީގެ ހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ، 1979 ވަނަ އަހަރު 47 ޑިގްރީ ސެލްސިއަސް އަށެވެ.

ސިންދު ޕްރޮވިންސްގެ ހެލްތު ސެކްރެޓަރީ ސައީދު މަނީޖޯ އިއްޔެ ވިދާޅުވި ގޮތުގައި ގަދަ ހޫނުގެ އަސަރުކޮށްގެން ސަރުކާރު ހޮސްޕިޓަލްތަކަށް ގެންދިޔަ 610 މީހަކު ވަނީ މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި މަރުވެފަ އެވެ. އަމިއްލަ ހޮސްޕިޓަލްތަކުގައި އިތުރު 80 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު އެތައް ހާސް ބަޔަކަށް ދަނީ ފަރުވާ ދެމުން. ގިނަ މީހުންނަކީ ފަގީރު ހާލުގައި އުޅޭ މީހުން،" މަނީޖޯ ވިދާޅުވި އެވެ.

މޫސުމާ ބެހޭ ޕާކިސްތާނުގެ ގައުމީ އިދާރާ އިން ބުނި ގޮތުގައި ގަދަ ހޫނުން އާއްމުން ރައްކާތެރިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ އެ އިދާރާގެ އިތުރުން އަސްކަރިއްޔާ އަށް އިއްޔެ އަމުުކުރައްވާފަ އެވެ. އަދި ސިފައިން މިހާރު ދަނީ ގަދަ ހޫނުގެ އަސަރު ކުރާ މީހުންނަށް ހާއްސަ ސެންޓަރުތައް ގާއިމްކުރަމުން ކަމަށް އެ އިދާރާ އިން ބުންޏެވެ.

ޕާކިސްތާން ސަރުކާރުން މި ފިޔަވަޅުތައް އަޅަން ފަށާފައި މި ވަނީ ހޫނުގެ އަސަރުކޮށްގެން މީހުން މަރުވާން ފެށިތާ ހަތަރު ދުވަސް ފަހުންނެވެ. އެހެންވެ، ހޫނުގެ އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ، އާއްމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުންް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. އެ ގޮތުން، ކަރާޗީގައި އާއްމުންގެ ބަޔަކު ވަނީ އިއްޔެ މުޒާހަރާ ވެސް ކޮށްފަ އެވެ.

މިއީ ރޯދަމަސް ކަމުން، ގަދަ ހޫނުގެ އަސަރު ކުރާ މިންވަރު ބޮޑެވެ. އަދި ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑޭތީ އޭސީ ބޭނުން ނުކުރެވޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ގޮސްފައި ވާއިރު، އަވަށްޓެރި އިންޑިއާގެ އެކި ހިސާބުތަކުގައި ވެސް ހޫނު ގަދަވެ، 1،700 އަށް ވުރެ ގިނަ މީހުން މިދިޔަ މަހު މަރުވެފައިވެ އެވެ.