ހަބަރު

މެދުއިރުމަތީގައި ރާއްޖެ ޕްރޮމޯޓް ކުރަން ބޮޑު ޕީއާރު ކުންފުންޏަކަށް

Jun 24, 2015

މެދުއިރުމަތިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް، އެ ސަރަހައްދުގައި ރާއްޖެ މާކެޓް ކުރުމުގެ މަސައްކަތް ދުނިޔޭގެ ނަން މަޝްހޫރު ޕީއާރު ކުންފުންޏަކާ އެމްއެމްޕީއާރުސީ އިން ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އޭވިއޭޝަންގެ ދާއިރާގެ ބައެއް ކުންފުނިތަކަށާއި ޔޫރަޕްގެ ބޮޑެތި ޓްރެވަލް އެޖެންސީތަކަށް ވެސް މާކެޓިންގެ ހިދުމަތް ދެމުން އަންނަ ޖަރުމަނުގެ އޭވިއަރެޕްސް ކުންފުންޏަށެވެ. އެ ކުންފުނިން އަންނަނީ އޭވިއޭޝަންގެ ދާއިރާ އާއި ޓޫރިޒަމާ ގުޅޭ 200 އަށް ވުރެ ފަރާތްތަކަށް މާކެޓިން އަދި ކޮންސަލްޓެންސީގެ ހިދުމަތް ދެމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނީގެ 40 އަށް ވުރެ ގިނަ އޮފީސް އެކި ގައުމުތަކުގައި އެބަ ހުއްޓެވެ.

ޓްއަރިޒަމް މިނިސްޓްރީ އިން ބުނި ގޮތުގައި އެ ކުންފުނިން މެދުއިރުމަތީގައި ރާއްޖެ މާކެޓް ކުރާނީ މިއީ އެ ބައްރުގެ ޓްއަރިސްޓުންނަށް ވެސް ފަސޭހައިން އާދެވޭ އެ މީހުންނާ ވެސް ގުޅޭ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ކަމަށެވެ.

މިފަހަކަށް އައިސް މެދުއިރުމަތިން ރާއްޖެ އަންނަ ޓްއަރިސްޓުންގެ އަދަދު އިތުރުވެ 10،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 2 ޕަސެންޓްގެ އިތުރުވުމެކެވެ.