ހަބަރު

ކަރެކްޝަނުން ވަކިކުރި އާސިފަށް ވަޒީފާ ދޭން ހުކުމްކޮށްފި

ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން ވަކިކުރި މުހައްމަދު އާސިފަށް ވަޒީފާ ދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ވަޒީފާގެ އިތުރުން އޭނާ ވަކިކޮށްފައިހުރި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

އާސިފް ވަޒީފާއިން ވަކިކުރީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނަވަނިކޮށް މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. މިދިޔަ އޯގަސްޓް މަހުގެ ފެށިގެން އޭނާ ހުރީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެކަން ކުރީ ކޮމިޝަނާ އޮފް ޕްރިޒަންސަށް އޭނާއަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ އެވެ.

އެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުން ދައުލަތުން ވަނީ އާސިފް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ޑިސްޕިއުޓް ރިިޒޮލިއުޝަން މަރުހަލާގައި އެއްބަސްވެފަ އެވެ. އަދި، ވަޒީފާ ދިނުމަށާއި ގެއްލުނު ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަންގައި ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އޭނާއަށް ގެއްލުނު 324،000 ރުފިޔާއާއެކު، ވަޒީފާ ދިނުމަށް އަމުރުކޮށްދަ އެވެ. އަދި، އޭނާއަށް ގެއްލުނު ދުވަސްތައް ވެސް ވަޒީފާގެ ހިދުމަތުގެ ދުވަސްތަކުގެ ގޮތުގައި ގުނުމަށް އަންގާފަ އެވެ.

މިފަހުން ކޮމިޝަނާ އޮފް ޕްރިޒަންސް ވަނީ ބަދަލުކޮށްފަ އެވެ. އާސިފް ވަޒީފާއިން ވަކިކުރިިއިރު އެ މަގާމުގައި ހުންނެވީ އަހުމަދު ޝިހާން އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން ދުރުކޮށް އެ މަގާމަށް އަބްދުﷲ މުނާޒް އައްޔަން ކުރައްވާފަ އެވެ.