ވިޔަފާރި

އެސްޓީއޯ ހޮޓާ ވިއްކާލުމުގެ މަސައްކަތް ދެވަނަ ފަހަރަށް ފަށައިިފި

އެސްޓީއޯ އިން ހުޅުމާލޭގައި ތަރައްގީ ކޮށްފައިވާ ބިޔަ ހޮޓާ ވިއްކާލަން ދެ ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ 2011 ގައި އިމާރާތް ކުރަން ފެށި 250 ކޮޓަރީގެ ހޮޓާ ގަންނަން ނުވަތަ އިންވެސްޓް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހަދާފައިވާ މި ހޮޓާ ގަންނަން ނުވަތަ އިންވެސްޓްކުރަން ޝަައުގުވެރިވާ ފަރާތްތަކަށް އަންނަަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެސްޓީއޯ ހޮޓާ ވިއްކާލަން އިއުލާނު ކުރި މިއީ ދެވަނަ ފަހަރަށެވެ. މި ހޮޓާ ވިއްކާލަން އެންމެ ފުރަތަމަ ނިންމީ 2016، ވަނަ އަހަރު އެވެ. އެ އަހަރު އެސްޓީއޯއިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހޮޓާ ވިއްކާލަން އުޅޭކަން އިއުލާނު ކޮށްދެއްވަމުން އޭރުގެ، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެފައިވަނީ ހޮޓާ ވިއްކާލުމުގެ ގޮތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ފަހުން ވަނީ ތިން ފަރާތަކުން ހުށަހެޅުން ލިބިފައިވާ ކަމަށް ފަހުން ބުނެފައިވެ އެވެ.

ނަމަވެސް، މިދިޔަ އަހަރު އަނެއްކާވެސް އެސްޓީއޯގެ ވިސްނުން ބަދަލުވެ ބަޔަކާ ގުޅިގެން ހޮޓާ ހިންގަން ނިންމާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެމްޑީ ޝަހީރު ވިދާޅުވެފައިވާ ގޮތުގައި ޖޮއިންޓްވެންޗާ އުސޫލުން ބަޔަކާ ގުޅިގެން ހިންގަން ނިންމާފައިވާ ކަމަށެވެ.

މި ހޮޓަލީ އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާއެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތް ކުރަން ފެށި ހޮޓަލަށެވެ. މި ހޮޓަލުގެ މަސައްކަތް ނިންމަން ތައި އެގްޒިބް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއްވެސް ނަގާފައިވެ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ ހޮޓަލުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އަދި މިހާރު މި ހޮޓަލުގެ ކޮންސްޓްރަކްޝަންގެ މަސައްކަތް ނިމި ގާތްގަނޑަކަށް 70 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. މި ހޮޓާ ހިންގަން ހަމަޖައްސާފައިވަނީ އެމެރިކާގެ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ" ގެ ނަމުގަ އެވެ.