ހަބަރު

ސިޔާސީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ޔޫކޭ ބޮޑު ވަޒީރު ރާއްޖެއަށް ގޮވާލައިފި

Jun 24, 2015

ސިޔާސީ މަޝްވަރާތައް ބާއްވައި، ރާއްޖޭގައި ތިބި ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ރާއްޖެއަށް ގޮވާލައްވައިފި އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަބަލުން ލައިލާ އަލީ އާއި އެމަނިކުފާނުގެ ލޯޔަރުންނާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމަށް ފަހު ކެމަރަން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ލައިލާއާ ބައްދަލު ކުރުމުން އުފާވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައި އެހެން ވެސް ސިޔާސީ ކުށްވެރިން ދޫކޮށްލަން ޖެހޭ ކަމަށް ކެމަރަން ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ޓަކައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުން މުހިންމު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލު ކުރެއްވުމުގައި ލައިލާގެ އަރިހުގައި ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނޭ ވަކީލް އަމަލް ކްލޫނީ ބައިވެރިވެ ވަޑައިގެންނެވި އެވެ. ލައިލާގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު އާއި ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އާއި އެޕާޓީގެ ކައުންސިލް މެންބަރުން ވެސް ގެންދަވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ މައުލޫމާތުތައް ޔޫކޭގެ ފަރާތްތަކާ ހިއްސާ ކުރެއްވުމަށް ލަންޑަންގައި ބައްދަލުވުންތަކެއް ބާއްވަމުންނެވެ. 

ލައިލާ ވަނީ މީގެ ކުރިން ނިއުޔޯކަށް ދަތުރު ކުރައްވައި، އދ ގެ ވޯކިން ގްރޫޕަށް ނަޝީދުގެ މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން ސަރުކާރަށް މިހާރު ވަނީ ފުރުސަތު ދީފަ އެވެ.