ހަބަރު

ގާނޫނު އަސާސީ އިސްލާހު ކުރީ އަޅުގަނޑަކަށް ނޫން، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް: އަދީބު

Jun 25, 2015

ވެރިކަން ކުރާ އުމުރު 30-65 އަކަށް ހަމަޖެއްސުމަށް ގާނޫނު އަސާސީ އަށް މިއަދު ގެނައި އިސްލާހު އަމާޒު ވަނީ ވަކި މީހަކަށް ނޫން ކަމަށާއި މިއީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ހާއްސަވާ އިސްލާހެއް ކަމަށް ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ސޯސަންމަގުގައި މިރޭ ބޭއްވި ހަފްލާއެއްގައި އަދީބު ވިދާޅުވީ އެ އިސްލާހަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންވާ ކޮންމެ ޒުވާނަކަށް އަމާޒު ކުރެވިފައިވާ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ކާމިޔާބު ލިބުނީ ރާއްޖޭގެ ޒުވާނުންނަށް ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އިސްލާހުގެ ސަބަބުން ޒުވާނުން ބާރުވެރި ބަޔަކަށް ވެގެންދާނެ އެވެ. އެ އިސްލާހަށް ހުރިހާ ޕާޓީތަކުން ތާއިދު ކުރިކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވި ގޮތުގައި، އެކަމުން ދޭހަކޮށްދެނީ މަޝްވަރާ ކޮށް ރިވެތި އުސޫލުގެ މަތިން ކަންކަން ހައްލު ކުރެވޭނެ ކަމެވެ. އަދި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު މަގުތައް ހަލަބޮލިކޮށް ހަމަނުޖެހުން ހިންގައިގެން ހައްލު ނުހޯދޭނެ ކަން މިއަދު އެނގިއްޖެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އެ އިސްލާހާ ދެކޮޅަށް މިއަދު ވޯޓް ދެއްވި މެންބަރުންނާ ގުޅޭ ގޮތުން އަދީބު ވިދާޅުވީ އެމެންބަރުންގެ ސިޔާސީ ކުރިމަގު ފެންނަނީ ވަރަށް ބަނަކޮށް ކަމަށެވެ. އަދި އެ ބޭފުޅުން ރާއްޖޭގެ ސިޔާސީ މައިދާނުގައި އެކަހެރި ވާނެ ކަމަށް ވެސް އަަދީބު ވިދާޅުވި އެވެ. އަދި އެފަދަ މެންބަރުން ގައުމީ މަސްލަހަތަށް ވުރެ ބޮޑަށް އެ އިސްކުރެއްވީ އަމިއްލަ މަސްލަހަތާއި ހަސަދަވެރިކަން ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.