ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ނުލިބި ސަލާމަތްކަމެއް ނެތް: ނަޝީދު

Dec 30, 2018
11

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ނުލިބި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ސަލާމަތް ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު، އަލީ ނިޔާޒުގެ މަޖިލިސް ޕްރައިމަރީގެ ކެމްޕޭން ފެށުމަށް ހުޅުމާލޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ 10-15 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހިންގެ ވެރިކަން އެކި ގޮތްގޮތަށް ބަދަލުވެ ފުރޮޅެމުން އައިސްފައިވާ ކަމަށެވެ. އަދި އެފަދަ ބަދަލުވުންތަކުގައި އާންމު ދިވެހި ރައްޔިތުންގެ ބައިވެރިވުން ވަރަށް ވެސް ކުޑަ ކަމަށާއި ދިވެހިންގެ ހުވަފެންތައް އެކަށީގެންވާ ގޮތުގައި ހަގީގަތަކަށް ހަދައި ދެވިފައި ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން އަބަދުހެންމެ ކުރާ އުންމީދަކީ ތަނަވަސް ދިރިއުޅުމެއް ހޯދުމުގެ ހުވަފެން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ރާއްޖެއަށް ތައާރަފްކުރީ ރައްޔިތުންނަށް ހައްގުމިންވަރު ހޯދައިދިނުމަށް ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ލިބިފައިވާ، ގުދުރަތީ މުއްސަދިކަމާއި ތަނަވަސްކަމާ އެކު ދިވެހިންނަށް ލިބެން ޖެހޭ މިންވަރު މާ ބޮޑެވެ. އަދި 2009 ވަނަ އަހަރު އެމްޑީޕިއިން ތައާރަފްކުރި ޓެކްސް ނިޒާމާ އެކު ދައުލަތުގެ އާމްދަނީ އެތައް ގުނައެއް އިތުރުވީ އިރު، ރައްޔިތުން ބޭނުންވާ އުންމީދުތައް ފަސޭހަކަމާ އެކު ހަގީގަތަކަށް ހަދައިދެވޭނެ އެވެ. އެކަމަށް ބޭނުންވަނީ އެމްޑީޕީއަށް މެޖޯރިޓީ ލިބޭ މަޖިލީހެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ފުދިގެން އުޅެވިދާނެ ބައެއް. ފުދިގެން އުޅުމަށް ޓަކައި ކޮންމެހެން މިވަގުތު ވާޖިބުވެފައި ވަނީ، ބޭނުންވެފައި މިވާ ކަމަކީ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް ހޯދުން. ސަރުކާރުގެ ވައުދުތައް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދިގެން ނޫނިއްޔާ އަންނާން އޮތް ޖީލަށް ސަލާމަތްތެރިކަން ހޯދި ދާނެ ކަމަކަށް މިއަދު ބަލާ ހޯދާ އެއްވެސް މީހަކު ނުދެކޭނެ. މާލޭގެ ގޯތި ގެދޮރު ބަހަމުން ބަހަމުން ފޮތިކުރަމުން ފޮތިކުރަމުން ގޮސް މިއަދު މި ވަނީ އިތުރު އެހެން އެއްވެސް ގޮތެއް، އިތުރު އެއްވެސް ބެހުމެއް ނުބެހޭ ވަރަށް އެ ފޮތިތައް ހަނިވެފައި، ކުޑަވެފައި. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ވެސް ރައްޔިތުންގެ ފޮނި އުންމީދުތަކެއް އެބަވޭ. އެ އުންމީދުތައް ވެސް ހަގީގަތަކަށް ހަދައިދިނުމަށް ބޭނުންވާ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރެވެން އޮތީ ދިވެހި ރާއްޖޭގެ ރައްޔިތުން. އެ ރައްޔިތުން އެއްވެ، ގަޑުވެ ތިބޭތަނަކީ ރައްޔިތުންގެ މަޖިލިސް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިފާނު ވިދާޅުވީ ސިޔާސީ ހުރިހާ ފަރާތްތަކުން ދިވެހިންނަށް އެންމެ ބޮޑަށް ދަރާފައިވާ ދަރަންޏަކީ ބޯހިޔާވަހިކަމުގެ ދަރަންޏެވެ. އެ ދަރަނި ފުއްދުމަށް ޓަކައި މަޖިލީހުގެ ތެރެއިން މަސައްކަތަކެއް ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ސޯލިހުގެ ވައުދުތައް ރަނުން ރަނަށް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބޭ މަޖިލީހެއް މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ދެން އެކުލަވާލާ މަޖިލީހަކީ، ވަގުން ހިފާނެ މަޖިލީހެއްކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، މަޖިލީހުގެ ތެރެއިން ބާރު ލިބިގެން ނޫނީ، ބޮޑެތި ވައްކަން ކުރި މީހުންނާއި އެ މީހުން ނެގި ފައިސާ ހޯދައި ހައްގު އަދަބު ދެވޭނެ ގޮތެއް ނެތެވެ. އެކަން އެންމެ ބޮޑަށް ސާބިތުވަނީ ރައީސް ސޯލިހު އެކުލަވާލެއްވި، ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގައި މިހާރުގެ މަޖިލީހުން އަމަލުކުރި ގޮތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.