ކްރިސްޓިއާނާ ރޮނާލްޑޯ

ލަނޑުގެ ލިސްޓުގެ ކުރީގައި ރޮންލްޑޯ އަހަރު ނިންމާލައިފި

ސަމްޕްޑޯރިއޯ ދެކޮޅަށް 2-1 ގެ ނަތީޖާ އަކުން ޔުވެންޓަސް މޮޅު ކޮށްދިނުމަށް ފަހު އިޓާލިއަން ލީގްގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮވެގެން ޔުވެންޓަސްއާ އެކު ކްރިސްޓިއާނޯ ރޮނާލްޑޯ ސީޒަން ނިންމާލައިފި އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓްގައި، ރޮނާލްޑޯ ވަނީ، ޔުވެންޓަސްއަށް ލިޑް ނަގައިދީފަ އެވެ. ޕައުލާ ޑިބާލާ ދިން ބޯޅަ ހިފައިގެން އޭރިއާ ގެ ކާނާ ހަމައަށް ގޮސް ރޮނާލްޑޯ ވަނީ ގޯލްގެ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.

ރޮނާލްޑޯ ދެ ވަނަ ލަނޑު ޖެހީ، ލިބުނު ޕެނަލްޓީއެއްގައެވެ. ސްމޕްޑޯރިއާގެ ލަނޑުވެސް އެޓީމުގެ ފަބިއޯ ކްއަލްލަރެޔާ ކާމިޔާބު ކުރި ޕެނަލްޓީ އަކުނެވެ. ރޮނާލްޑޯގެ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ 14 ލަނޑު ހަމަ ކޮށްފަ އެވެ. މިހާރު ލަނޑު ލިސްޓްގެ ދެ ވަނައިގައި އޮތީ ޖެނޯއާގެ ކްރިސްޓޮފް ޕިއާޓެކް އެވެ. އޭނާ ވަނީ 13 ލަނޑު ޖަހާފަ އެވެ.

ޔުވެންޓަސް ވަނީ ކުޅުނު 19 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލި ނުވެ 53 ޕޮއިންޓް ހޯދާފަ އެވެ. ޔުވެންޓަސް އާއި ދެ ވަނައިގައި އޮތް ނަަޕޯލިއާ ދެމެދު ނުވަ ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.