ރިޕޯޓް

ނައިބު ރައީސްއަށް އޮތީ ދެ މަގެއް! އިތުރު ގޮތެއް ނެތް

Jun 25, 2015
4

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ރައީސް އަބްދުﷲ ޔާމީންއަށް އިތުބާރު ނުކުރެވި، މައްސަލަތަކެއް ޖެހިގެން އުޅޭ ވާހަކަ ފެތުރި ހިނގައިގަނެގެން އުޅޭތާ ދުވަސްގަނޑެއް ވެއްޖެ އެވެ. ވެރިކަން ކުރެވޭ އުމުރު 30-65 ފެއްތުމަށް ފެހި ގާނޫނު އަސާސީއަށް ގެނައި ފުރަތަމަ އިސްލާހު އިއްޔެ ފާސްވުމާ އެކު ސިޔާސީ މައިދާނުގެ މިސްރާބު އެނބުރޭ ދިމާލުގެ ބޮޑު މަންޒަރު މި އަންނަނީ އިތުރަށް ސާފުވަމުންނެވެ. މި ސިލްސިލާއަކީ ސީދާ ނައިބު ޖަމީލް މަގާމުން ދުރުކޮށް ރައީސް އިތުބާރު ކުރެއްވޭ ބޭފުޅަކަށް އެ މަގާމު ދިނުން ނޫން އެހެން ކަމެއް ނޫނެވެ.

ޖަމީލް ކިތަންމެ ބޭނުންފުޅު ނުވިޔަސް އަދި ޕީޕީއެމްގެ ތެރޭގައި އެކަމަށް ބޭނުން ނުވާ ކިތަންމެ ބަޔަކު ތިއްބަސް އެމަނިކުފާނު ނައިބު ރައީސް ކަމުން އެއްފަރާތް ކުރުމުގެ ކަންތައްތައް މިފަހަރު އެއީ ހަމަ ޔަގީނުން ވެސް ހިނގާނެ ކަމެކެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރުން އެކި ބަސްމަގުން މި ވަނީ އެކަން މިހާރު ވެސް ކަށަވަރު ކޮށްދެއްވައިފަ އެވެ. އެއާ އެކު ނައިބު ރައީސް ޖަމީލުގެ ކުރިމަތީގައި މިހާރު މި އޮތީ ދެ މަގެވެ. އެއީ:

މީގެން ކޮންމެ މަގެއް ނައިބު ރައީސް ހިޔާރު ކުރެއްވިޔަސް ނަތީޖާ އަކީ ޖަމީލް ނައިބު ރައީސްކަމުން ވަކިވެ ވަޑައިގަންނަވަން ޖެހުމެވެ. އޭގެ ތެރެއިން ދެވަނަ ގޮތް ތަންކޮޅެއް ހިތްދަތިވެފައި ލަދުވެތި ވެދާނެ އެވެ. އަދި އަނެއް ގޮތަކީ ތަންކޮޅެއް ފަސޭހަ ގޮތެވެ. އެކަމަކު އެގޮތް އިހުތިޔާރު ކުރެއްވިޔަސް ޖަމީލާ ދިމާލަށް ބަޔަކު ގޮވާ އެއްޗެތި ވަކި މަދެއް ނުވާނެ އެވެ. އެހެން ވީމާ ޖަމީލު އިހުތިޔާރު ކުރައްވަން ޖެހިފައި މި އޮތީ ވަރަށް އުނދަގޫ ދެގޮތެވެ. 

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރު ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވި ގޮތުގައި ނައިބު ރައީސް، ނަތީޖާއެއް ނުދެއްކެވުނެވެ. ޒިންމާތައް އަދައެއް ނުކުރެއްވުނެވެ. އެމަނިކުފާނު ފެނިވަޑައިގަތީ ފްރޭމަކަށް ލާފައި ހުރި ފޮޓޯއެއްގެ ގޮތުގަ އެވެ. އެހެން ވީމާ ނައިބު ރައީސް އޭނާ ހުށަހެޅުއްވި ދެގޮތެވެ. އެއީ ރީތި ގޮތުގައި ޖުލައި 26 ކުރިން އަމިއްލައަށް މަގާމު ދޫކުރައްވާފައި އިސްތިއުފާ ދެއްވުމެވެ. އެހެން ނަހައްދަވައިފި ނަމަ، މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އެމަނިކުފާނު މަގާމުން ދުރުކުރުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނައިބު ރައީސްއަށް މިދަންނަވަނީ މިރެއިން މިރެއަށް ވެސް އިސްތިއުފާދެއްވާފައި ވަޑައިގަންނަވާށޭ. އެހެން ނޫނީ އިތުބާރު ނެތް ކަމުގެ ވޯޓަކުން މަނިކުފާނު މަގާމުން ދުރުކުރާނަމެވެ،" ސުޖާއު ވިދާޅުވި އެވެ.

ސިޔާސީ މައިދާނުން ފެންނަ ކުލަތަކަށް ބަލާއިރު، އިތުބާރު ނެތް ކަމުގެ ވޯޓަކުން ނައިބު ރައީސް ވަކިކޮށް ބޭރުކޮށްލުމަކީ މި ސަރުކާރަށް މާ އުނދަގޫ ކަމެއް ނޫނެވެ. އެމްޑީޕީ ވެސް އޮތީ އެކަމަށް ފާޑަކަށް ފެހި ސިގްނަލް ދީގެންނެވެ. އެމްޑީޕީގެ މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ތާއީދު ކުރުމުގެ އެންމެ ބޮޑު ހުއްޖަތަކީ ނައިބު ރައީސް އަކީ ރައީސްއަށް އިތުބާރު ނުކުރެވޭ ބޭފުޅެއް ނަމަ، އެކަން ކުރެއްވުމުގެ ޖާގަށް ސަރުކާރަށް ފަހިކޮށްދިނުމެވެ. އަދި ނައިބު ރައީސް ޖަމީލް ހިމާޔަތް ކުރަން އެމްޑީޕީގެ ޕީޖީ އިން ކުރަން ޖެހޭ ކަމެއް ނެތް ކަމަށް، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފާޅުގައި ވިދާޅުވެފަ އެވެ.

"އިންތިހާބު ވިޔަސް ހަވާލެއް ނުކުރާނަމޭ، އަދިވެސް ޖަލަށް ލާނަމޭ ރައީސް ނަޝީދަށް ވިދާޅުވެ އަޑުގައި ބާރުލާ ވިދާޅުވި ނައިބު ރައީސްއެއް ހިމާޔަތް ކުރަން އަޅުގަނޑު މަޖިލީހުގައި ކުރާނެ މަސައްކަތެއް ނޯންނާނެ. މި ޕާޓީ ވެސް އަޅުގަނޑުމެން އެ މަސައްކަތް ކުރަން ޖެހޭ ކަމަކަށް ނުދެކެން. އެކަހަލަ ނައިބު ރައީސްއަކަށް އަޅުގަނޑެއް ހަމަ ގައިމު ވެސް ތާއީދެއް ނުކުރާނަން،" އެމްޑީޕީއަށް ނިސްބަތްވާ ހިތަދޫ ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވި އެވެ.

އެހެން ވީމާ މިކަމަށް މި އޮތީ އެމްޑީޕީގެ ފެހި ސިގްނަލް ވެސް ކޮންމެވެސް ވަރަކަށް ލިބިފަ އެވެ. މިއޮތް ވަރުގަދަ ގާނޫނު އަސާސީ ބަދަލު ކޮށްލަން ވޯޓު ދޭން ދޫދިން އިރު ނައިބު ރައީސް ނަގާ އެއްލައި ލުމަށް އެމްޑީޕީ އިން ދޫ ނުދޭންވީ ސަބަބެއް ނެތެވެ. ޖޭޕީ އިން ވެސް އެކަމުގައި އަދި މާފަސޭހައިން ދޫދޭނެ އެވެ. މީގެ ކުރިން ވެސް އެ މީހުން ހުރީ ދޫދީފަ އެވެ. އަދި ލީޑަރު ގާސިމް އިބްރާހިމްއަށް އެ ނޫން ދެން އެހެން ގޮތެއް އޮންނާނެ ހެނެއް ވެސް ހިޔެއް ނުވެ އެވެ.

ނައިބު ރައީސް މަގާމުން ދުރުކުރަން ގާނޫނު އަސާސީ ބުނާ މަގަކީ، މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތު ހޯދުމެވެ. އެއީ 85 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަގުލަބިއްޔަތެވެ. ޕީޕީއެމް، ޖޭޕީ، އަދި އެމްޑީއޭގެ މެންބަރުން އެއްކޮލުމުން ޕީޕީއެމް ކޯލިޝަނަށް 59 ވޯޓް ލިބޭނެ އެވެ. އަދި އެމްޑީޕީއިން ތާއީދު ކޮށްފި ނަމަ ތަނަވަސް އަގުލަބިއްޔަތުން ނައިބު ރައީސް ބޭރުކޮށްލެވޭނެ އެވެ.

ދެން އޮތް ސުވާލަކީ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅޭނެ އަސްލުތަކަކީ ކޮބައި ހެއްޔެވެ؟

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވިދާނެ ގޮތް ވެސް އެބައޮތެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ނާންނާނެ ކަންކަމެވެ. އޭގެ ގިނަ ސަބަބުތަކަކީ ކޮންމެވެސް ގުދުރަތީ ކަމެއްގެ ސަބަބުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދޭ ކަހަލަ ހާލަތެއް ދިމާވުމެވެ. އެކަމަކު އެ މާއްދާގެ ތިން ވަނަ ނަމްބަރުގައި "މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާ ގާބިލުވުން" ހިމަނާފައިވެ އެވެ. އެއީ ވަރަށް ފުޅާކޮށް މާނަކުރެވޭ ގޮތަށް ގާނޫ އަސާސީގައި ލިޔެފައި އޮތް ގޮތެކެވެ. ލީޑަޝިޕް ނެތުމަކީ ވެސް ނާގާބިލުވުން ކަމަށް ބެލެވިދާނެ އެވެ. ރައީސަށް ދޭންޖެހޭ އެއްވެސް އެހީތެރި ކަމެއް ނުދީ "ސައިލެންޓް"ވެ، ހަމަ އެކަނި ރަސްމިއްޔާތުތައް ފަޅުފިލުވައިދޭ ބޭފުޅެއްގެ ގޮތުގައި ހުންނެވުމަކީ ވެސް ނާގާބިލުވުން ކަމަށް ބަލައިގެން ވާހަކަ ދެއްކިދާނެ އެވެ. މި ނޫން ގޮތަކަށް ވެސް އެ ސަބަބު މާނަ ކުރެވިދާނެ އެވެ.

ބެލެވޭ ގޮތުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނެ ހުއްޖަތަކީ އެމަނިކުފާނު މަސައްކަތްޕުޅާއި ޒިންމާ އަދާ ނުކުރައްވައި ރައީސްއަށް ވެސް އެހީތެރިވެ ވަޑައި ނުގެން ހަނު ހުންނެވުމެވެ. ރައީސް ނެންގެވުމަށް ފަހު ސަރުކާރުގެ ސެކަންޑް އިން ކޮމާންޑް، ޓްއަރިޒަމް މިނިސްޓަރު އަދީބު ނައިބަށް ނިސްބަތް ކުރައްވައި ވިދާޅުވަނީ، "ޑިގްރީއެއް އޮވެ، ހަމައެކަނި ގޮޑި ހޫނު ކުރާނެ ބޭފުޅަކު ސަރުކާރުން ބޭނުން ނުވާ" ކަމަށެވެ.

އެހެން ވީމާ، މިއީ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހެޅާނެ މައިގަނޑު ސަބަބު ކަމަށް ވެދާނެ އެވެ. ޕީޕީއެމްގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ނައިބު ރައީސް ވަނީ ގިނަ ކަންކަމުގައި ވަރަށް ބޮޑަށް ފެއިލްވެ ވަޑައިގެންފަ އެވެ. އެއީ ހަމައެކަނި ނަމެއްގައި ހުންނަވާ ބޭފުޅެކެވެ.

އެކަމަކު ރައީސް ޔާމީން ބޭނުންފުޅު ވަނީ އެމަނިކުފާނު ހާ ދުވެލި ބާރު ކެރޭ ގަޓް ހުރި ކަންކަން ތަންފީޒު ކުރެވޭނެ ފަދަ އިތުބާރު ހުރި ނައިބު ރައީސްއެއް ގެންނެވުމަށް ކަމަށް ޕީޕީއެމްގެ މަޖިލިސް މެންބަރުން މި އަންނަނީ ފާޅުގައި ވިދާޅުވަމުންނެވެ. އެހެން ވީމާ، ނައިބު ރައީސްއަށް އެމަނިކުފާނުގެ ގޮޑި ދިފާއު ކުރައްވަން ކުރެއްވޭނެ އެއް ކަމެއް ވެސް އެބަ އޮތް ހެއްޔެވެ؟

ރައީސްގެ މިޒާޖުފުޅު ހުންނަވައި ގޮތުން އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަމެއް ހުރަސްތައް ފޫއަޅުއްވާފައި ވެސް ކުރައްވާނެ އެވެ. އަނެއްކާ ނައިބު ރައީސް އަކީ ސިޔާސީ ގޮތުން ވެސް ބާރެއް އޮތް ބޭފުޅެއް ނޫނެވެ. އެމަނިކުފާނަށް އެހީގެ އަތެއް ދިއްކުރައްވަން ހުންނެވި، ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަސް އަހާ ވަރަށް ވުރެ، ނައިބު ރައީސްގެ މައްސަލައިގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބޯ މާހަރެވެ. އަނެއްކޮޅުން ނައިބު ރައީސްގެ ބާރު ހިނގާ ބަސް އަހާނެ މެންބަރަކު ވެސް މަޖިލީހުގައި ހުރިހެނެއް ހިއެއް ނުވެ އެވެ. 

ސިޔާސީ މުޅި މައިދާނުގެ ކުޅިބައި އެތުރިފައި މި ވަނީ ހަމަ ސީދާ އެމަނިކުފާނާ ދެކޮޅަށެވެ. ކޮންމެ ގޮތެއް ވިޔަސް ނައިބު ރައީސްގެ ކުރިމަތީގައި މި އޮތީ ދެމަގެވެ. އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމެވެ. ނޫނީ އިތުބާރު ނެތް ކަމުގެ ވޯޓުން އެކަމިކުފާނު ގަދަކަމުން މަގާމުން ވަކިކުރުމެވެ. މީގެން ކޮންމެ ގޮތެއް ވިޔަސް އެމަނިކުފާނަށް ދެން މަގާމު ދިފާއު ކުރެއްވޭނެ ސިޔާސީ ފޯމިއުލާއެއް އަދި ފެންނާކަށް ނެތެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ އުފާވެރި އިހިތިފާލްތައް، ޖުލައި 26ގެ ކުރިން، ހުދު ޖަމީލް މި ވަނީ ގޮތެއް ނިންމަވަން ޖެހިފަ އެވެ. ޗޮއިސް އެއް ނަގާކަށް އެމަނިކުފާނަށް މާގިނަ ވަގުތެއް މިހާރަކު އޮތްހެނެއް ހިއެއް ނުވެ އެވެ. ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތޮފާ ވިދާޅުވާ ގޮތަށް ޖުލައި 26 އަށް އަލިވިލޭނީ އާ ނައިބު ރައީސްއަކާ އެކު އެވެ. 

"މިއީ އަޅުގަނޑުމެން ސިއްރުން ކުރާ ކަމެއް ނޫން. ޖުލައި 26 ކުރިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަދީބު ނައިބު ރައީސްކަމަށް ގެންނަން މި މަސައްކަތް ކުރަނީ. މިކަން އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކުރާނެ،" ސުޖާއު ވިދާޅުވި އެވެ. "އެހެން ވީމާ ނައިބު ރައީސް ދެން ގޮތެއް ނިންމަވަންވީ."