ހަބަރު

ގުރައިދޫ މަރުކަޒާއި އެންސްޕާ އަދި ޑްރަގް އޭޖެންސީ، ޖެންޑާގެ ދަށަށް

ކ. ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަދި ނޭޝަނަލް ޑްރަގް އޭޖެންސީ މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސަސްގެ ދަށަށް ގެންގޮސްފި އެވެ.

މޫކައި ހޮޓެލްގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން މިނިސްޓާ އޮފް ޖެންޑާ ޝިދާތާ ޝަރީފު ވިދާޅުވީ މިނިސްޓްރީއަށް އަލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ކ. ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒާއި އެންސްޕާ އާއި ޑްރަގް އޭޖެންސީގެ ހުރިހާ މަސައްކަތްތަކެއް ވެސް މިނިސްޓްރީގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގެ ތެރެއަށް އައިސްފައިވާ އިތުރު ބަދަލުތަކުގެ ތެރެއިން ކ. ގުރައިދޫގައި ހުންނަ ހާއްސަަ އެހީއަށް ބޭނުންވާ މަރުކަޒު ވަނީ މި މިނިސްޓްރީގެ ތެރެއަށް ހިމެނިފަ، އަދި މީގެ އިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮތެކްޝަން އޭޖެންސީ އާއި ނޭޝަނަލް ޑްރަގް އޭޖެންސީވެސް މިނިސްޓްރީގެ ދަށަށް ގެނެވިފައިި،" މިނިސްޓަރު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ އިތުރަށް ވިދާޅުވީ، ތަފާސް ހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރު 2،800 އަށް ވުރެ ގިނަ މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިިވާ ކަމަށެވެ. އޭގެ ތެރެއިން އެއްހާހަށްވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. އަދި މި އަހަރުގެ ނިޔަލަށް 2345 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެތެރެއިން 50 އިންސައްތަ އަށްވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަަތައް ކަމަށާއި މި މައްސަލަތައް ބެލުމަށް އިތުރަށް ބެލުމުގެ ގޮތުން މައްސަލަ ރިޕޯޓު ކުރެވޭ ނިޒާމު ހަރުދަނާ ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، މިނިސްޓްރީއިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯދައި ދިނުމުގައި އެހީތެރިވަމުން ކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އެގޮތުން 20 ފަރާތަކުން ވަނީ ވަޒީފާ ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅާ އޭގެ ތެރެއިން އެއް ފަރާތަކަށް ވަޒީފާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.