ހަބަރު

އިމާރާތަކުން ބިދޭސީއަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ

ހުޅުމާލޭގެ އިމާރާތަކުން ބިދޭސީއަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ. އެކަން ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތުގަ އެވެ.

އުމުރުން 27 އަހަރުގެ އެމީހާ އިމާރާތަކުން ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާއިރު އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފަ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާސިޔާ ސޯލިހު ވިދާޅުވި ގޮތުގައި އެމީހާގެ ދެ އަތް ވަނީ ފްރެކްޗާވެފަ އެވެ. އަތްތިލައަށް ވެސް ވަނީ އަނިޔާވެފަ އެވެ.

އައިޖީއެމްއެޗްއަށް އޭނާ ބަދަލުކުރީ ބޮލަށް އަނިޔާ ލިބިފައި ހުރެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށް އާސިޔާ ވިދާޅުވި އެވެ.

މީގެކުރިން ވެސް ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ބިދޭސީން ވެއްޓި ބޮޑެތި އަނިޔާތައްވެފައިވެ އެވެ. ބިދޭސީއިން އެފަދަ މަސައްކަތްތައް ކުރުމުގައި ސަލާމަތީ ފިޔަވަޅުތައް ނާޅާ ކަމުގެ ޝަކުވާ ބޮޑެވެ.