ދުނިޔެ

ފްރާންސްގެ ރައީސުންނަށް ފާރަލާތީ އެ ގައުމު ރަތަށް، އޮބާމާ ދިފާއަށް!

Jun 25, 2015

އެމެރިކާ އިން ފްރާންސަށް މިހާރު ޖާސޫސް ކުރަމުން ނުދާ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ފްރާންސްގެ ރައީސް ފްރަންސުވާ އޮލާންޑާ އަށް މިއަދު ދެއްވައިފި އެވެ.

އޮބާމާ އެ ޔަގީންކަން ދެއްވާފައި މި ވަނީ ފްރާންސްގެ މިހާރުގެ ރައީސް އޮލާންޑާ އާއި ކުރީގެ ދެ ރައީސުންނަށް އެމެރިކާ އިން 2006 އިން 2012އާ ދެމެދު ޖާސޫސް ކުރިކަން ފަޅާާއެރުމާ އެކު، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ.

ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޮބާމާ ވަނީ އޮލާންޑާއާ ފޯނުން ގުޅުއްވައި އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އެ ގޮތުން، "މިހާާރު އެކަން ނުކުރާ ކަމަށާއި ދެން ދުވަހަކު ވެސް" އޮލާންޑާ ކުރައްވާ އެއްވެސް މުއާމަލާތަކަށް ފާރަ ނުލާނެ ކަމަށް އޮބާމާ ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސިއްރުތައް ފަޅާއަރުވާލާ ވެބްސައިޓް، ވިކިލީކްސް އިން އިއްޔެ އާއްމުކުރަން ފެށި އާ ސިއްރު ލިއެކިއުންތަކެއްގައި ބުނި ގޮތުގައި އެމެރިކާގެ ނެޝެނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން ވަނީ ފްރާންސްގެ މިހާރުގެ ރައީސް އޮލާންޑާ އާއި ކުރީގެ ދެ ރައީސުން ކަމަށްވާ ނިކޮލަސް ސަރުކޯޒީ އަދި ޖެކީސް ޝިރާކުގެ ފޯން ކޯލުތައް އަޑުއަހާފަ އެވެ. އޭގެ އިތުރުން، ފްރާންސްގެ ކެބިނެޓް މިނިސްޓަރުންނާއި އެކި ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނަށް ވެސް އެ މުއްދަތުގެ ތެރޭގައި ޖާސޫސްކޮށްފައިވާ ކަމަށް އެ ވެބްސައިޓުން ބުންޏެވެ.

އެއާ އެކު، ފްރާންސް ސަރުކާރު ވަނީ ވަރަށް ބޮޑަށް ރުޅިގަދަ ވެފަ އެވެ.

ފްރާންސްގެ ސަލާމަަތަށް "ނުރައްކާވާ އެއްވެސް ކަމަކަށް ފުރުސަތު ނުދޭނެ" ކަމުގެ އިންޒާރު އޮލާންޑާ ދެއްވިއިރު، އޭނާ ވަނީ އެ ގައުމުގެ ސަލާމަތީ މަޖިލީހާއި ގާނޫނު ހަދާ މަޖިލީހުގެ އިސް ބޭފުޅުންގެ ކުއްލި ބައްދަލުވުންތަކެއް ބާއްވަވާފަ އެވެ. އަދި ފްރާންސްގެ ޖާސޫސީ އިދާރާގެ ވެރިއަކު އެމެރިކާ އަށް ފޮނުއްވަވަން ނިންމަވާފައި ވާއިރު، އެމެރިކާ އިން ފްރާންސަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭން ހާޓްލޭ ވަނީ ފްރާންސްގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް، އިންޒާރު ދީފަ އެވެ.

ވިކިލީކްސް އިން ވަނީ އެންއެސްއޭ އިން އެއްކުރި ފޯން ކޯލްތަކެއް ކަމަށް ބުނާ ކޯލްތަކެއްގެ މައުލޫމާތު ހިމެނޭ ފައިލްތަކެއް އާއްމުކޮށްފަ އެވެ. އެ ގޮތުން، 2012ގެ ތާރީހު ހިމެނޭ ފައިލެއްގައިވާ ގޮތުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގްރީސް ވަކިވުމުގެ ބިރާ ގުޅޭ ގޮތުން ރައީސް އޮލާންޑާ މަޝްވަރާކުރެއްވި އެވެ. އަދި 2011ގެ ތާރީހު ޖަހާފައިވާ އެހެން ފައިލެއްގައި، އެމެރިކާއާ ނުލާ ވެސް ފަލަސްތީނާއި އިޒްރޭލުގެ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން ފްރާންސްގެ އޭރުގެ ރައީސް ސަރްކޯޒީ ބޭނުންވެވަޑައިގެންނެވިކަން ހާމަވެ އެވެ.

"އެސްޕަޔޮނާޖް އެލީސީ"ގެ ނަމުގައި އާއްމުކުރަން ފެށި ފައިލްތަކާ އެކު ވިކިލީކްސް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ސިއްރު ޖާސޫސީ މައުލޫމާތާއި ފަންނީ ލިއެކިއުންތަކެވެ. އެ ފައިލްތައް އެކުލަވާލާފައި ވަނީ، ވިކިލީކްސް އިން ބުނި ގޮތުގައި، އެ ބޭފުޅުން ސީދާ ކުރައްވާފައިވާ ފޯން ކޯލްތަކާއި އެ ނޫން ވެސް މުއާސަލާތީ ގުޅުންތަކަށް އެންއެސްއޭ އިން ސީދާ ފާރަލައިގެންނެވެ.

ސްނޯޑަން 2013 ގައި އާއްމުކުރި ބައެއް ލިއެކިއުންތަކުން ހާމަވި ގޮތުގައި އެންއެސްއޭ އިން ވަނީ ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ފޯން ކޯލްތައް ވަގަށް އަޑުއަހާފަ އެވެ. އެކަން ފަޅާއެރުމާ އެކު އެމެރިކާ އާއި ޖަރުމަނާ ދެމެދު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް އަސަރުކުރި އެވެ. އެހެން ނަމަވެސް، މާކެލްގެ ފޯން ކޯލްތައް އަޑުއެހި މައްސަލައިގައި ޖަރުމަނުން ކުރަމުން އައި ތަހުގީގު ވަނީ މި މަހުގެ ކުރީކޮޅު ހުއްޓާލާފަ އެވެ. އެ ގޮތަށް ނިންމީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.