ހަބަރު

ލ. އާއި ހުވަދޫ އަތޮޅުގައި ޓާޝިއަރީ ހޮސްޕިޓަލް އަޅަނީ

އަތޮޅުތަކު ތެރޭ ސިއްހީ ހިދުމަތްތައް ވަރުގަދަ ކުރުމަށް ލ. އަތޮޅާއި ހުވަދޫ އަތޮޅުގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ ސަރަހައްދަށް ސިއްހީ ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އަތޮޅުތަކު ރަށްތައް ހުރީ އަޅާ ނުލާ ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް ކުރިޔަށް ފަސް އަހަރުގެ ތެރޭގައި އެކަން ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން މާލެ ސަރަހައްދުން ލިބޭ ފެންވަރުގެ ބޭސްފަރުވާ އަތޮޅުތަކުން ލިބޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އެގޮތުން މިހާރު ޓާޝިއަރީ ހޮސްޕިޓަލު ނެތް ސަރަހައްދުތަކަށް ޓާޝިއަރީ ހޮސްޕިޓަލް ގާއިމް ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ. އޭގެ ތެރޭގައި ލ. އަތޮޅާއި ހުވަދޫ އަތޮޅު އަދި ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލް އަޅަން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އާ ޓާޝިއަރީ ހޮސްޕިޓަލްތައް ފެށުމަށް އަޅުގަނޑުމެން ވާނީ ބަޖެޓުގައި ހިމަނާފައި، އެގޮތުން އައްޑޫގެ އިތުރުން ލ. އާއި ހުވަދޫ އަތޮޅާއި އުތުރުގެ ބައެއް ހިސާބުތަކަށް ވެސް ޓާޝިއަރީ ހޮސްޕިޓަލް އަންނާނެ، އެއީ މުޅިން އާ މަޝްރޫއުތަކެއް، މި ފަސް އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުތައް ރާއްޖޭގެ އެކި ކަންކޮޅުގައި ތަރައްގީ ވެގެންދާނެ،" އަމީން ވިދާޅުވި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުރި ކޮންވެންޝަން ސެންޓަރު ޓާޝިއަރީ ހޮސްޕިޓަލަކަށް ހެދުމުގެ މަސައްކަތް ކުރީ ސަރުކާރުން ވަނީ ފަށައިފަ އެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލު ޓާޝިއަރީ ހޮސްޕިޓަލަކަށް ހަދާނެ ކަމަށް ވެސް އެ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

އަމީން ވިދާޅުވީ މާލެ ސަރަހައްދު ފިޔަވާ އެންމެ ގިނަ މީހުން ފަރުވާ ހޯދަން އަންނަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލަށް ދޭ ސަމާލުކަން ބޮޑުވާނެ ކަމަށާއި ޓާޝިއަރީ ހޮސްޕިޓަލެއް ގޮތުގައި ތަރައްގީ ކުރި ނަމަވެސް އެއަށް ވުރެ ވެސް ފުޅާ ދާއިރާއެއްގައި އެތަނުން ސިއްހީ ހިދުމަތްތައް ދެމުން ގެންދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ސިއްހީ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުން އެއީ އަޅުގަނޑުމެންގެ ތަސައްވަރަކީ، އެހެންވެ އެދެވޭ ހެޔޮ ބަދަލެއް އަންނާނެ މި ފަސް އަހަރުގެ ތެރޭގައި ސިއްހީ ހިދުމަތްތަކަށް،" އަމީން ވިދާޅުވި އެވެ.

އައްޑޫ ޓާޝިއަރީ ހޮސްޕިޓަލް ކުރިން ވެސް ރޭވިފައި އޮތް ގޮތަށް އަންނަ އަހަރުގެ ތެރޭ ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.