ދުނިޔެ

ބަންގްލަދޭޝްގެ ބޮޑު ވަޒީރުކަމަށް އަނެއްކާވެސް ޝެއިޚް ހަސީނާ

Dec 31, 2018
1

ޑާކާ (ޑިސެމްބަރު 31) - ބަންގްލަދޭޝްގައި ވެރިކަން ކުރަން އަވާމީ ލީގު (އޭއެލް) ބޮޑު ތަފާތަކުން އެ ގައުމުގެ އާންމު އިންތިހާބު ކާމިޔާބުކޮށް، ހަތަރު ވަނަ ދައުރަކަށް މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އެ މަގާމަށް އިންތިހާބު ވެވަޑައިގެންފި އެވެ.

ހަމަނުޖެހުމާއި ތުހުމަތުތަކުގެ ތެރޭގައި، ބަންގަލްދޭޝްގައި އާދީއްތަ ދުވަހު ވޯޓުލާފައިވަނީ، 300 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށެވެ. އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނަތީޖާ އިއުލާނުކޮށްފައިވާ 298 ގޮނޑީގެ ތެރެއިން 287 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޝެއިޚް ހަސީނާގެ ޕާޓީންނެވެ.

ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ ޖަލަށްލާފައިވާއިރު، އެކަމަނާގެ ޕާޓީއަށް ލިބިފައިވަނީ އެންމެ ހަ ގޮނޑި އެވެ.

ނަމަވެސް، އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށާއި، އަލުން އިންތިހާބެއް ބޭއްވުމަށް އދިކޮޅު އިއްތިހާދުން ވަނީ ގޮވާލައިފަ އެވެ.

ޕާލަމަންޓު އިންތިހާބާއި ދިމާކޮށް އިދިކޮޅު ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރު ކުރަމުންދާ ކަމުގެ ތުހުމަތު ކޮށްފައިވާއިރު، 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލި އިންތިހާބުގައި، 600،000 އަށް ވުރެ ގިނަ ސިފައިންނާއި ފުލުހުން ދަނީ އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

އިންތިހާބާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 17 ވަރަކަށް މީހުން މަރުވެފައިވާއިރު، ދޮގު ހަބަރު ފެތުރުމާއި، ހަމަނުޖެހުން އުފައްދަން ޖާގަ ނުދިނުމަށްކަމަށް ބުނެ، އެ ގައުމުގައި މޮބައިލްތައް މެދުވެރިކޮށް އިންޓަނެޓަށް ވަދެވޭ ހިދުމަތްވަނީ ކަމާބެހޭ އިދާރަތާކުން ކަނޑާލައިފަ އެވެ.