ވިޔަފާރި

ކަރާ ކިލޯއެއްގެ އަގު 30ރ. އަށް އުފުލި، އަގު ރަނަށް!؟

Jun 25, 2015

ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކެރެވުމަކީ މުދަލުގެ އަގު ބޮޑުވެގެންދާ އެއް ސަބަބެވެ. މި އަހަރުގެ ރޯދަ މަހު ކަރާއަށް ޖެހިފައި މިވަނީ މިހާލެވެ. މި އަހަރު ރާއްޖޭގައި ހެއްދި ކަރާ މަދުކަމުން ބާޒާރުގެ ބޭނުންތައް ފުދޭ ވަރެއް ނޫނެވެ. މީގެ ނަތީޖާއަކީ އަގުތައް މަތިވަމުން ދިއުމެވެ. މިއަދު ކަރާ ކިލޯއެއްގެ އަގު ހުރީ 30ރ. އަށެވެ.

"މި އަހަރު ބޭނުންވާ ވަރަކަށް ނުހެއްދޭ. އެހެންވެ ކަރާގެ އަގުތައް މަތިވަމުން މިދަނީ،" މާރުކޭޓުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބާޒާރުގައި ކަރާގެ އަގު މިއަދު ހުރި ގޮތަށް ބަލާއިރު، ކަރާގެ އަގުތައް މިހާރު ހުރީ 25ރ. އާއި 30ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު މި މުއްދަތުގައި 15ރ. އަށް ވިއްކި ކަރާގެ އަގަށް އައިސްފައިވާ ބޮޑު ބަދަލެވެ.

ދަނޑުވެރިން ބުނާ ގޮތުގައި ރާއްޖޭގެ ރިސޯޓު މާކެޓާއި ގެސްޓް ހައުސްތަކާއި އާއްމުންގެ ބޭނުންތަކާ އެއްވަރަށް މި އަހަރު ކަރައެއް ނުހެއްދެ އެވެ.

"ވިއްސާރަވެގެން ވެސް ބައެއް ކަރާތައް ހަލާކުވި. މި އަހަރު ނުހެއްދުނު. ވަރަށް ގިނަ އަދަދަކަށް ރިސޯޓުތަކުން ކަރާ ނަގާ އެހެންވެ އަވަހަށް ހުސްވެގެން މިދަނީ،" ތޮއްޑޫން ކަރާ ގެނެސް ވިއްކުމުން ގެންދާ ދަނޑުވެރިއަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި "އާދޭސްކޮށްގެން ވެސް ކަރައެއް ލިބެނީ މަދުން" ކަމަށެވެ.

"ހެނދުނު ގޮސް އާދޭސްކޮށްގެން ވެސް ލިބުނު ކަރައަކީ މިއީ. ހަމަ ނުލިބެނީ. އެހެންވެ އަގު މަތިވަނީ،" ދަނޑުވެރިޔާ ބުންޏެވެ.

މިއަދު ކަރާގެ އަގު 30ރ. އަށް އުފުލިފައިވީނަމަވެސް އިއްޔެވެސް ކަރާ ކިލޯއެއް ހުރީ 20ރ. އަށެވެ. އަދި މިއީ ރޯދަ މަސް ފެށުނު ފަހުން މި ބާވަތް "ރަނު" ގެ އަގަށް އެރި ފަހަރެވެ.