ހަބަރު

ޖަމީލް އިސްތިއުފާދެއްވަން އަރިސްބޭފުޅުންނާ މަޝްވަރާ ކުރައްވައިފި

Jun 25, 2015
1

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އެމަނިކުފާނުގެ ބައެއް އަރިސްބޭފުޅުން ވިދާޅުވެއްޖެ އެވެ.

ނަން ނުޖަހާ ގޮތަށް، "އަވަސް" އާ ވާހަކަ ދެއްކެވި ޖަމީލްގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ ގޮތުން ޖަމީލް ވަނީ ބައެއް ބޭފުޅުންނާ މަޝްވަރާކުރައްވައި ލަފާހޯއްދަވައިފަ އެވެ. އަދި އިސްތިއުފާ ދެއްވުމާ މެދު ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ޖަމީލް ވިދާޅުވެފައިވާ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އަޑުފެތުރިފައިވާ ގޮތުގައި އިއްޔެ ގާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސްވުމާ އެކު ނައިބު ރައީސް ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ހިލާލީގޭގައި ހުރި އަމިއްލަ ފުޅު ބައެއް ސާމާނު ޕެކް ކުރައްވަން ފައްޓަވައިފަ އެވެ. ނަމަވެސް އަރިސް ބޭފުޅުން އެކަން ޔަގީން ނުކޮށްދެއްވި އެވެ.

އެމަނިކުފާނު އިސްތިއުފާ ދެއްވަން މަޝްވަރާ ކުރެއްވި އިރު، ރޭ ޕީޕީއެމް އިން ޒުވާނުންނަށް ބޭއްވި ހަފްލާއެއްގައި އެ ޕާޓީގެ ބާރަށު ދާއިރާގެ މަޖިލީހުގެ މެންބަރު ވިދާޅުވީ، ނައިބު ރައީސް އިސްތިއުފާ ދިނުމަށް ދަންނަވާ ކަމަށެވެ. އަދި ނުދީފި ނަމަ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހަފްލާގައި ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް ވިދާޅުވީ މަސައްކަތް ނުކޮށް ސަނަދުހިފައިގެން ގޭގައި ތިބޭ މީހުން މި ސަރުކާރުން ދުރުވާން ޖެހޭ ކަމަށެވެ. އަދި ބެގީކޮށް ދަށަށް ޖަހައިގެން، މަހުރަޖަށް ކިޔަވާކިޔަވާލައި ސިފައިން ލައްވައި ބޫޓްޕޮލިޝް ކޮށްލަކޮށްލައި އެއްވެސް މީހަކަށް މި ސަރުކާރުގައި އުޅުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.