ހަބަރު

ނަޝީދު ނުހިމަނައި މަޝްވަރާ ކުރަން އެމްޑީޕީ އިން ނިންމައިފި

Jun 25, 2015

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުހިމަނައި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އެމްޑީޕީ އިން ނިންމައިފި އެވެ. އެމްޑީޕީ އިން މީގެ ކުރިން ވަނީ މަޝްވަރާތައް ފެށުމުގެ ޝަރުތެއްގެ ގޮތުން ނަޝީދު އެ މަޝްވަރާތަކުގައި ހިމެނުމަށް ސަރުކާރަށް ހުށަހަޅައިފަ އެވެ.

އެ ޕާޓީއާ އެކު މަޝްވަރާތައް ނުފެށި އޮތީވެސް ބަންދުގައި ތިބޭ މީހުންނާ އެކު ސަރުކާރުން މަޝްވަރާ ކުރަން އެއްބަސްނުވެ، އެކަމަށް އިންކާރު ކުރުމުންނެވެ.

ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނަޝީދު މި ވަގުތު ހުންނެވީ ދެ މަސްދުވަހުގެ ގޭ ބަންދަކަށް ބަދަލުކޮށްފަ އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވި ގޮތުގައި އެމްޑީޕީއިން ނަޝީދު ނުހިމަނައި މަޝްވަރާ ކުރަން ޕާޓީގެ ލީޑަޝިޕުން ރޭ ނިންމީ ނަޝީދުގެ ލަފާ އެގޮތަށް ލިބިގެން ކަމަށެވެ. އަދި މިވަގުތަށް އެންމެ މަސްލަހަތު ހަމަޖެހޭ ގޮތަކަށް ވާނީ ނަޝީދު ނުލައި މަޝްވަރާ ކުރުން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވީ މަޝްވަރާތައް ކުރިއަށް ގެންދަން. އޭރުންނޭ ހައްލު ލިބޭނީ. އެހެންވެ އެ ގޮތަށް ނިންމީ ނަޝީދުގެ މަޝްވަރާގެ މަތިން،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީ އިން މީގެ ކުރިން ހުށަހަޅާފައިވާ ލިސްޓްގައި ނަޝީދުގެ އިތުރަށް ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ އިބޫ އާއި ޗެއާޕާސަން އަލީ ވަހީދުގެ ނަންފުޅެވެ. ނަމަވެސް ޗެއާޕާސަން މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

މަޝްވަރާތައް ހަމައެކަނި ފެށިފައި ވަނީ ޖުމްހޫރީ ޕާޓީއާ އެކު އެވެ. އަދާލަތު ޕާޓީއާ އެކު މަޝްވަރާތައް ނުފެށި ވަނީ އެ ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ބަންދުގައި ހުރުމުން އެ ޕާޓީ އިން މަޝްވަރާ ކުރުމަށް ދެކޮޅު ހަދާތީ އެވެ.

އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާތައް ކުރުމަށް ސަރުކާރުން ހުށަހެޅީ ސިޔާސީ ދެ ބަސްވުންތައް ނައްތާލައި ގައުމުގެ ތަރައްގީގެ ކަންކަމުގައި އެއްބާރުލުން އިތުރުކޮށް ހަމަނުޖެހުންތައް ނައްތާލުމުގެ ބޭނުމުގަ އެވެ.