ބޮލީވުޑް

ޕްރަކާޝް ރާޖް ސިޔާސީ ދާއިރާއަށް ނިކުންނަނީ

ފިލްމު ސިންގަމް އާއި ވޯންޓެޑްގައި ވިލަން އެއްގެ ރޯލުން ފެނުނު، ޕްރަކާޝް ރާޖް މި އަހަރުގެ ޕާލަމެންޓްގެ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

އާ އަހަރުގެ ތަހުނިޔާ ކިޔަމުން، މަޖިލީހަށް ވާދަ ކުރާކަން އަމިއްލަ ޓްވިޓާ އެކައުންޓުގައި އޭނާ ބުންޏެވެ. އޭނާ ކުރިމަތިލަނީ އެއްވެސް ޕާޓީ އަކުން ނޫން ކަމާއި، އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައިކަންވެސް ވަނީ ބުނެފަ އެވެ. އަދި މަޖިލީހުގައި ކުރިމަތިލާނީ ކޮން ދާއިރާއަކަށް ކަން ފަހުން ބުނާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި އަހަރަކީ އާއްމުންގެ އަހަރެއް ކަމަށް ބުނެ ޕްރަކާޝް ވަނީ އޭނާގެ ފޭނުންނަށް ބޮޑު ހަބަރެއް ދީފަ އެވެ.

ސައުތު އިންޑިއާ ސިނަމާގައި ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި މަގުބޫލުކަން ހޯދާފައިވާ ޕްރަކާޝް ބޮލީވުޑްގައި އޭނާގެ ޑައިރެކްޝަނުގެ ދަށުން ނެރޭ ޑެބިއު ފިލްމު ރިލީޒް ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. ގޯއާގައި ޝޫޓުކުރި މި ފިލްމުން ފެންނާނީ ތާޕްސީ ޕަންނޫ އާއި އަލީ ފަޒަލް އެވެ.

ހިންދީ ސިނަމާގެ ފަންނާނުން ސިޔާސީ ދާއިރާއަށް ނިކުންނަން އުޅޭ ވާހަކަތައް މިހާރު ފެންމަތިވެ އެވެ. އެގޮތުން، ބަތަލާ މަދޫރީ ވެސް މިއަހަރުގެ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށް އެކަންވަނީ މިހާރު ދޮގު ކޮށްފަ އެވެ.