ހަބަރު

ބިލަށް ވޯޓު ދިނުމުން ރަނގަޅު ކަންކަމަށް އެބަ މަގުފަހިވޭ: އެމްޑީޕީ

Jun 25, 2015

އިއްޔެގެ އިސްލާހަށް ވޯޓު ދިނުމުން ސަރުކާރުގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފަހިވަމުން އަންނަ ކަމަށް އެމްޑީޕީގެ ފަރާތުން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެމްޑީޕީ އިން އެންމެ ހިތް ރުހޭ އިސްލާހަކަށް ނުވި ނަމަވެސް އެ އިސްލާހަށް ވޯޓް ދިނީ އެކަމުގެ ސަބަބުން ސަރުކާރުގެ އިތުބާރު ލިބި ރަނގަޅު ކަންކަމަށް ގައުމުގައި މަގުފަހިވާނެތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަނގަޅު ކަންތައްތަކަށް މިހާރު ވެސް މަގުފަހިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މި އިސްލާހުގެ ސަބަބުން ސަރުކާރާއި އެ ޕާޓީއާ ދެމެދު އޮންނަ އިތުބާރު އުފެއްދިއްޖެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

ވާހަކަތަކުގައި ނަޝީދު ބައިވެރި ނުކުރި ނަމަވެސް، ވާހަކަތަކުގެ ކޮންމެވެސް ހިސާބަކުން ނަޝީދަށް ވެސް ބައިވެރިވެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ އަދަބު ލުއި ކުރުމުގެ ކަންކަމަށް ވެސް އެ މަޝްވަރާތަކުގެ ސަބަބުން ކޮންމެވެސް ކަހަލަ ލުއިތަކެއް ލިބޭނެ އެވެ.

"ސިޔާސީ ކަންކަމުގައި އަޅުގަނޑުމެން ދޫދެން ޖެހޭ ފަހަރު ވެެސް އަންނާނެ. މި ދޫދިނުން ތަކުގެ ސަބަބުން ރަނގަޅު ކަންތައްތަކެއް ވަމުން އަންނަތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އޭގެ ސަބަބުން ރަނގަޅު ކަންކަމެއް ލިބެމުން އެބަ އާދޭ،" އިންތި ވިދާޅުވި އެވެ.

މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން މިވަގުތަށް ބައިވެރިވެ ވަޑައިގަންނަވާނީ އެ ޕާޓީގެ ޕީޖީ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އަދި އެ މަޝްވަރާތަކުން ވެސް އަދި މިހާރު މި އޮތް ސިޔާސީ ހަލަބޮލިކަމަށް ވެސް ރަނގަޅު ގޮތްތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.