މެންޗެސްޓާ ސިޓީ

ލިވަޕޫލް ބަލިކޮށް ސިޓީ އެނބުރި ތަށީގެ ރޭހަށް

ޕްރިމިއާ ލީގްގައި ބަލިނުވެ، ލިވަޕޫލުން ކުރިއަށް ގެންދިޔަ ޓްރެކް މެންޗެސްޓާ ސިޓީން ނިމުމަކަށް ގެނެސް ލީގްގެ ތަށީގެ ރޭހަށް ސިޓީ އެނބުރި އަތުވެއްޖެ އެވެ. އަމިއްލަ ދަނޑު އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 2-1 ންނެވެ.

މޮޅާއެކު، ޖޯސެފް 'ޕެޕް' ގާޑިއޯލާ އާއި ސީޓީގެ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވަނީ، ޖެހިޖެހިގެން ލީގް ކާމިޔާބު ކުރުމުގެ އުންމީދު ލިބިގެން ދިއުމެވެ. ލިވަޕޫލާއި ސިޓީއާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ހަތަރު ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ. ލިވަޕޫލް ލީގް ގައި ބަލިމިވީ 20 މެޗަށް ފަހު އެވެ. ލީގްގައި މެޗަކުން ބަލިނުވެ ލީގް ކާމިޔާބު ކުރީ އާސެނަލްގައި އެ ޓީމުގް ކުރީގެ ކޯޗް އާސެން ވެންގާ އެވެ.

މިދިޔަ މަހު، ޖެހިޖެހިގެން ދެ މެޗުން ބަލިވެ ސިޓީއަށް މައްސަލަ ކުރިމަތި ވި އެވެ. ލިވަޕޫލާ ދެކޮޅަށް ކުޅުމުގެ ކުރިން ގާޑިއޯލާ ބުނެފައި ވަނީ، މައްސަލަތަކުން ސިޓީއަށް އަރައިގަނެވިއްޖެ ކަމަށާއި ލިވަޕޫލާ ދެކޮޅަށް ސިޓީ އޮތީ ރަނގަޅު ރޫހެއްގައި ކަމަށެވެ. މެޗުގައި ވަރަށް ރަނގަޅަށް އެކަން ފެނުނެވެ. މުޅި މެޗުގައިވެސް ސިޓީ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.


އެހެންނަމަވެސް މެޗުގެ އެންމެ ފުރަތަމަ ހަމަލާ ފޮނުވާލީ ލިވަޕޫލުންނެވެ. ހަމަލާއިން ސިޓީއަށް ސިހުން ގެނެ އެވެ. ލިވަޕޫލްގެ ސެޑިއޯ މާނޭ، ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ކޮންޓްރޯލް ވުމުން، ސިޓީގެ ޑިފެންޑަރުން ބޯޅަ ސާފުކޮށްލަން ޖަހަޖަހައި އޮއްވައި ސަލާހް އެ ބޯޅަ ހޯދަން ކުރިމަތި ލި އެވެ. އެ ބޯޅަ އޭނާގެ ގައިގައި ޖެހިފައި ގޯލްގެ ލައިން ހުރަސް ކުރިހެން ހީވި ނަމަވެސް، ގޯލްލައިން ޓެކްނޮލަޖީން ދެއްކީ އެއީ ލަނޑެއް ނޫން ކަމަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީ ސާޖިއޯ ކުން އަގުއޭރޯ ވަނީ ސިޓީއަށް ލީޑް ނަގައިދިފަ އެވެ. މެޗުގެ 64 ވަނަ މިނެޓްގައި ރޮބާޓޯ ފިރުމީނޯ ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީ ހިތްހަމަ ޖެހުން ހޯދައިދިނެވެ. އެހެންނަމަވެސް 72 ވަނަ މިނެޓްގައި ލިރޮއީ ސަނޭ ވަނީ ސިޓީއަށް އަލުން ލީޑް ނަގައިފަ އެވެ.