ދުނިޔެ

މިއަންމާގެ ވެރިކަން ކުރަން ސޫޗީ ކުރެއްވި އުއްމީދު ފެނަށް!

Jun 26, 2015

މިއަންމާގެ ގާނޫނުއަސާސީ އަށް ގެންނަ ބަދަލުތައް ވީޓޯކުރުމުގެ ބާރު އަސްކަރިއްޔާ އަށް ނުދޭން އެ ގައުމުގެ ގާނުނު ހަދާ މަޖިލީހުން ދެކޮޅު ހެދުމާ އެކު މިއަންމާގެ އިދިކޮޅު ލީޑަރު އަންގް ސަން ސޫޗީ އަށް އެ ގައުމުގެ ރައީސް ކަމަށް އާދެވުމުގެ ފުރުސަތު އަނެއްކާ ވެސް ހަނިވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހަށް އެ ބިލް ހުށަހެޅީ ގާނޫނުއަސާސީ އަށް ބަދަލު ގެންނަން ބޭނުންވާ ވޯޓުގެ އަދަދު ދަށް ކުރުމަށެވެ. އެއީ، ގާނޫނުއަސާސީ އަށް ގެންނަ ބަދަލުތައް ހުއްޓުވުުމުގެ ބާރު އަސްކަރިއްޔާ އަށް ނޯންނަ ގޮތަށް ހެދުމަށް އެޅި ފިޔަވަޅެކެވެ.

އެ ބިލް ފާސްކުރުމަށް މިއަންމާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގައި ތިއްބަވާ 664 މެމްބަރުންގެ ތެރެއިން 75 ޕަސެންޓް މެމްބަރުން ކަމަށްވާ 498 މެމްބަރުންގެ ވޯޓު ބޭނުންވެ އެވެ. އެ އިސްލާހަށް އިއްޔެ ނެގި ވޯޓުގައި 388 މެމްބަރުން ތާއީދު ކުރެއްވި ނަމަވެސް ބިލް ފާސް ކުރަން ބޭނުންވާ 75 ޕަސެންޓް ވޯޓެއް ނުލިބުނެވެ.

ސޫކީގެ ނެޝެނަލް ލީގް ފޯ ޑިމޮކްރެސީ (އެންއެލްޑީ) ޕާޓީން ބޭނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 70 ޕަސެންޓް މެމްބަރުންގެ ވޯޓުން އެކަނި ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭ ގޮތް ހެދުމަށެވެ. އެ ގޮތަށް ހުށަހެޅި ބިލް ފާސް ކުރެވުނު ނަމަ، ސޫކީ ބޭނުންވާ އިސްލާހުތައް ގާނޫނުއަސާސީ އަށް ގެންނަން ފަސޭހަ ވީހެވެ. އެކަމަކު، ގާނުނު ހަދާ މަޖިލީހުގައި އަދިވެސް ނުފޫޒު ފަދަ އަސްކަރިއްޔާ އިން އެ ގޮތް ބޭނުމެއް ނުވެ އެވެ. އިއްޔެގެ ވޯޓުން އެނގިގެން ދިޔައީ އެކަމެވެ.

މިއަންމާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންވާކަން ސޫޗީ ވަނީ އިއުލާން ކުރައްވާފަ އެވެ. އެހެން ނަމަވެސް، އަންނަ ނޮވެމްބަރު މަހު ބާއްވާ އާއްމު އިންތިހާބުގައި ސޫޗީގެ އެ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް މިއަންމާގެ މިހާރުގެ ގާނޫނުއަސާސީ ހުރަސް އަޅަ އެވެ.

މިއަންމާގެ ގާނޫނުއަސާސީގައިވާ ގޮތުން އެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ ދަރިންނަކީ ބޭރު ގައުމެއްގެ ރައްވެހިންނަށް ވާނަމަ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ސޫޗީގެ އަވަހާރަވެފައިވާ ފިރިކަލުން މައިކަލް އަރިސް އަށް ލިބިވަޑައިގެންނެވި ފިރިހެން ދެ ބޭފުޅުން ރަށްވެހިވެފައި ވަނީ އިނގިރޭސި ވިލާތުގަ އެވެ.

ގާނޫނުއަސާސީގެ އެ މާއްދާ އަކީ ސީދާ ސޫޗީ އަށް އަމާޒުކޮށްފައިވާ މާއްދާއެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި އެ މާއްދާ ބާތިލްކޮށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް ސޫޗީ ވެސް ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. އެކަމަކު، ގާނޫނޫއަސާސީގެ އެއްވެސް މާއްދާއެއް ބަދަލު ކުރާ ނަމަ ގާނޫނު ހަދާ މަޖިލީހުގެ 75 ޕަސެންޓް މެންބަރުންގެ ތާއީދު ބޭނުންވެ އެވެ. އެ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބަޔަކީ އިންތިހާބު ނުކުރާ އަސްކަރީ އޮފިޝަލުންނެވެ.

އެހެންވެ، އިއްޔެ ފާސްކުރަން އުޅުނު އިސްލާހު ފޭލްވުމުން ސޫޗީ އަށް ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ.

މިއަންމާގެ އަސްކަރީ ވެރިކަން 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިމުމަކަށް ގެނެސް އިންތިހާބީ ސަރުކާރެއް ގާއިމުކުރުމަށް ފަހު، އެ ގައުމުން ވަނީ އިސްލާހީ ދަތުރަކަށް ނުކުމެފަ އެވެ. އަހަރުތަކެއް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށް ފަހު، 2010 ވަނަ އަހަރު ސޫޗީ މިނިވަންކޮށްފައި ވަނީ ވެސް މި އިސްލާހީ ކެމްޕޭނުގެ ދަށުންނެވެ.