ރިޕޯޓް

ނައިބު ރައީސް މަގާމުން ދުރުކުރަންވީ ފަސް ސަބަބަކީ ކޮބާ؟

Jun 26, 2015
1

ގާނޫނު އަސާސީ އޮތް ނައިބު ރައީސްއަކަށް ހުންނަވާ ބޭފުޅަކު މަގާމުން ދުރުކުރުމަކީ ގޮތުން ވަރަށް ނާދިރު ހާލަތްތަކުގައި ކުރެވެން އޮތްކަމެކެވެ. އެހެން ނަމަވެސް ނައިބު ރައީސްކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރުމަކީ، ހިނގާނެ ކަމެއް ކަން މިހާރު ޝައްކެއް ނެތް މިންވަރަށް ޔަގީނެވެ. 

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ނައިބު ރައީސް މަގާމުން އިމްޕީޗް ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ލިޔެފައިވެ އެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ގުދުރަތީ ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދުމެވެ. ނަމަވެސް އެ މާއްދާގެ ތިން ވަނަ ނަމްބަރުގައި "މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާ ގާބިލުވުން" ހިމަނާފައިވެ އެވެ.

އެއީ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގޭހާ ވަރަށް ފުޅާކޮށް މާނަކުރެވޭނެ ގޮތަކަށް ގާނޫ އަސާސީގައި ލިޔެފައި އޮތް ލަފްޒެކެވެ. ލީޑަޝިޕް ނެތުމަކީ ވެސް ނާގާބިލުވުން ކަމަށް ބެލެވިދާނެ އެވެ. ރައީސަށް ދޭންޖެހޭ އެއްވެސް އެހީތެރި ކަމެއް ނުދީ "ސައިލެންޓް"ވެ، ހަމަ އެކަނި ރަސްމިއްޔާތުތައް ފަޅުފިލުވައިދޭ ބޭފުޅެއްގެ ގޮތުގައި ހުންނެވުމަކީ ވެސް ނާގާބިލުވުން ކަމަށް ބަލައިގެން ވާހަކަ ދެއްކިދާނެ އެވެ. މި ނޫން ގޮތަކަށް ވެސް އެ ސަބަބު މާނަ ކުރެވިދާނެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް އެންމެ ފަހުގެ ތައްޔާރީތަށް ވަމުން އަންނަ އިރު ނައިބު ރައީސް އިމްޕީޗް ކުރަން އެ ޕާޓީގެ ހުއްޖަތްތަކަކީ ކޮބައިހެއްޔެވެ؟

ގާނޫނު އަސާސީ ބުނެދޭ ގޮތުން ރައީސްގެ ނައިބުގެ މަސްއޫލިއްޔަތަކީ ރައީސް ހަވާލު ކުރައްވާ މަސައްކަތްތައް ކުރެއްވުމެވެ. އެހެން ނަމަވެސް ނައިބު ރައީސް އެ ހުރިހާ ޒިންމާތަކެއް އަދާކުރުމުގައި ފެއިލްވި ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ގަބޫލުކުރެ އެވެ. އެ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވި ގޮތުގައި ސޯޝަލް ކައުންސިލްގެ މަސައްކަތްތައް ހަވާލު ކުރެއްވުުމުން އެކަން ނައިބު ރައީސްއަށް އެންމެ ރަނގަޅަށް އަދައެއް ނުކުރެއްވުނެވެ. ހާއްސަކޮށް ސިއްހީ ދާއިރާ، ޝަރުއީ ދާއިރާ އަދި ތައުލީމީ ދާއިރާގެ ގިނަ މައްސަލަތަކަށް އެކަށީގެންވާ ސްޕީޑްގައި ނައިބު ރައީސްއަށް ހައްލެއް ހޯއްދަވައެއް ނުދެއްވުނެވެ.

ރައީސް ޔާމީންގެ ސަރުކާރު ހިންގުން ތަރުތީބު ކުރައްވާފައިވާ ގޮތުން ސަރުކާރުގެ ނިންމުންތައް އަންނަނީ، ސޯޝަލް ކައުންސިލާއި އިކޮނޮމިކް ކައުންސިލްގެ ތެރެއިންނެވެ. އެއީ ސަރުކާރުގެ މަސައްކަތްތަކުގެ މައި ދެ ސޯބެވެ. އިގްތިސާދީ ކައުންސިލްގެ ސޯބު ޓްއަރިޒަމް މިނިސްޓަރު އަދީބު އެންމެ ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާއިރު، ނައިބު ރައީސް ޗެއާ ކުރައްވައި ސޯޝަލް ކައުންސިލްގެ ސޯބު އޮތީ ގާތްގަނޑަކަށް ހުއްޓިފައި ކަމަށް ޕީޕީއެމްގެ މަޖިލީހުގެ މެންބަރުން ގަބޫލު ކުރައްވަ އެވެ. ސިއްހީ ދާއިރާގެ މައްސަލަތަކުގެ ކުރިފަޅައިގެން އައިސް ސަރުކާރު ބަދުނާމު ވަމުން ދިޔައިރުވެސް ނައިބު ރައީސްއަށް އެކަމުގައި ކުރެވުނު ކަމެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. މީގެ އިތުރުން ޝަރުއީ ދާއިރާއަށް ބޮޑެތި ފާޑުކިޔުންތައް އައިރުވެސް ނައިބު ރައީސްއަށް އެކަމުގައި ވެސް ރަނގަޅު ރޯލެއް އަދާނުކުރެވުނު ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

"ސޯޝަލް ކައުންސިލްގެ ބައްދަލުވުމެއް ނުބާއްވާ ވެސް އެތައް ދުވަހެއް އެބަދޭ. އޭގެ ސަބަބުން ޕެންޑިންގައި ކައުންސިލްގައި ގިނަ މައްސަލަތައް ހުރި. ރައީސް އެ މަސައްކަތް ހަވާލުކުރުމުން ގާތްގަނޑަކަށް އެތަން އޮތީ ޕެރަލައިޒްވެފައި،" މެންބަރު ވިދާޅުވި އެވެ.

ނައިބު ޖަމީލް އަކީ ސިޔާސީ މައިދާނުން ފެށިގެން ވެސް ވަރަށް ދޫހެލޭ ވިދާޅުވާ ބަސްފުޅު ހަރުކަށި ބޭފުޅެކެވެ. އިލްމީ ގޮތުން އެމަނިކުފާނާ ކައިރިއަށް ވެސް މި ގައުމުގައި އިލްމް ލިބިފައިވާ މީހަކު ހުންނާނެހެނެއް ހިއެއް ނުވެ އެވެ. އެހާ ވެސް އިލްމީ އަދި ސިޔާސީ މައިދާނުގައި އަޑުގަދަ ބޭފުޅެކެވެ. ކެމްޕޭންތެރޭގައި ވެސް އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވީ އެންމެ ހަރުކަށިކޮންނެވެ. އުޅުއްވީ ވަރަށް އެކްޓިވްކޮށްނެވެ. އެކަމަކު ވެރިކަން ލިބިވަޑައިގަތުމަށް ފަހު ނައިބު ރައީސްގެ އަޑު ހިނދެމުން ގޮސް މި ވަނީ ހިނދިފަ އެވެ. ނައިބު ރައީސްގެ ހަރު އަޑު މަޑުވެ އެމަނިކުފާނުވެސް މި ވަނީ މައިތިރިވެފަ އެވެ. 

ރައީސް އަބްދުﷲ ޔާމީން ނައިބު ރައީސްއަށް އިތުބާރު ނުކުރައްވަން ކުރިމަތިވި މައިގަނޑު ސަބަބަކީ ނައިބު އިދިކޮޅު ފަރާތްތަކާ ގުޅުން ބާއްވައި ކަމަށް ކުރެވުނު ތުހުމަތުތައް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އެ ގްރޫޕްގެ މެންބަރަކު ވިދާޅުވީ، މޭ އެކެއްގެ މުޒާހަރާގެ ކުރިން ނައިބު ރައީސް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާ ބައްދަލު ކުރެއްވި އެވެ. އަދި އެކަމަށް ސަޕޯޓް ކުރެއްވި އެވެ. މިފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުންތަކަށް ނައިބު ރައީސް ތާއީދު ކުރެއްވި ކަމަށް އެބޭފުޅާ ތުހުމަތު ކުރެއްވި އެވެ.

"މޭ އެކެއްގެ މުޒާހަރާގެ ކުރިން އިމްރާނާ ބައްދަލުކޮށް ވަކި އަދަދަކަށް މީހުން އެއްކުރެވިއްޖެ ނަމަ ތިމަންނަ ވެސް ބަޔާނެއް ނެރޭނެ ކަމަށް ވިދާޅުވެ ހެއްދެވި ކަމަށް މި ވަނީ ތުހުމަތުކުރެވިފައި. މިއީ އެމަނިކުފާނަށް ރައީސް އަށް ވެސް އިތުބާރު ކުރައްވަން އުނދަގޫވާނެ މައްސަލައެއް،" މެންބަރު ވިދާޅުވި އެވެ. 

ޕީޕީއެމް ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަަޅައި ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއީ ވެސް ތުހުމަތު ކުރާނެ މައްސަލަ އެއް ކަމަށް ޕީޕީއެމްގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވި އެވެ. ނައިބު ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ތިއްބަވައި ބޭފުޅުން ސަރުކާރާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކޮންމެ ފަހަރަކު އެކަން ސަރުކާރުން ބޭރަށް ނެރެ، ސަރުކާރު އޮރިޔާން ކުރަން މަސައްކަތް ކުރި ކަމަށް އެބޭފުޅުން ތުހުމަތު ކުރެ އެވެ. އެގޮތުން ސަރުކާރުގެ ތެރޭގައި ޖެހޭ މައްސަލަތައް އިދިކޮޅު މީޑިއާޔަށް ގެނައުމަށް ޖަމީލް އެކި ގޮތްގޮތުން މަސައްކަތް ކުރައްވާފައި ހުންނެވި ކަމަށް ވިދާޅުވި އެވެ. މިސާލަކަށް އެބޭފުޅާ ނެންގެވީ އެމަނިކުފާނު ހުންނަވާ ހިލާލީގޭގެ ބަޖެޓް މާ ކުޑަކަމަށް ބުނެ އެވާހަކަތައް މީޑިއާޔަށް ތިލަކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ. މި ނޫނަސް ސަރުކާރުގެ ތެރޭގައި ޖެހޭ މައްސަލަތައް އާންމުންނަށް ތިލަކުރެއްވުމަށް ޖަމީލް މަސައްކަތް ކުރާ ކަމަށް އޮތީ ތުހުމަތުކޮށްފަ އެވެ.

"މިއީ ރައީސްއަށް އެންމެ ބޮޑަށް އިހުލާސްތެރިވާން ޖެހޭ ބޭފުޅަކީ. އެކަމަކު އެބޭފުޅާ މި އަމަލު މި ކުރައްވަނީ މުޅިން އެހެން ގޮތަކަށް،" ޕީޕީއެމްގެ ޕީޖީގެ މެންބަރަކު ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރެއްވުމަށް ވުރެ ބޮޑަށް ނައިބު ރައީސް ޖަމީލް ގެންދެވީ އަމިއްލަ އެޖެންޑާ އާއި ޕްރޮމޯޝަން ކުރިއަށް ނެރުއްވައިގެން މަސައްކަތް ކުރައްވަމުން ކަމަށް ޕީޕީއެމްގެ ޕީޖީ އިން ތުހުމަތު ކުރެ އެވެ. އަދި ގުޅިގެން މަސައްކަތް ކުރެއްވުމަށް ވުރެ ބޮޑަށް އެބޭފުޅާ މަސައްކަތް ކުރެއްވީ އެއަށް ވުރެ ލަގްޒަރީ ދިރިއުޅުއްވުމެއްގައި ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. އެކަމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި ތިއްބެވި މިނިސްޓަރުންނާއި އެހެން ވެސް ބޭފުޅުންނާ ގުޅިގެން ނައިބު ރައީސްއަށް ހުރަސްތަކެއް ހުރި ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. އޭގެ ބަދަލުގައި ނައިބު ރައީސްގެ ކިބައިން ފެނުނު ގުޅިގެން މަސައްކަތް ނުކުރެވޭނެ ސިފަތައް ކަމަށްވާ، ކިބުރުވެރިކަން ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

"ބޫޓްޕޮލިސް ކުރައްވަނީ ސިފައިން ލައްވައި. އެމަނިކުފާނު ކިބުރުވެރިކޮށް އުޅުއްވަނީ. މަސައްކަތްތަކަށް ވުރެ ބޮޑަށް ލަގްޒަރީ ލައިފްއެއް އުޅުއްވަނީ. އެހެން ވީމާ އެމަނިކުފާނަކަށް އެކަށީގެންވާ ސްޕީޑްގައި ގުޅިގެން މަސައްކަތެއް ކުރެއްވޭތަނެއް ނުފެނޭ. މުޅިން އެހެން މަންޒަރެއް ފެނިގެން އައީ،" ޕީޕީއެމްގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.

މި ހުރިހާ ސަބަބުތަކެއް ނައިބު ރައީސްގެ މައްޗަށް ހުށަހަޅައި އިތުބާރު ނެތްކަމުގެ މައްސަލައިގައި ހިމެނޭނެ އެވެ. މި ހުރިހާ ސަބަބުތަކަކަށް ބަލާއިރު އެމަނިކުފާނު ނައިބު ރައީސް ކަމުގައި ބެހެއްޓުމުގެ މާނައެއް ވެސް ނެތެވެ. އަދި މިވަރުގެ ބޭފުޅަކަށް ރައީސް އަށް ދެވޭނެ އެހީތެރިކަމެއް އަދި އިހުލާސްތެރިކޮށް ކުރެވޭނެ މަސައްކަތެއް ވެސް ނެތޭ ބުނެވިދާނެ އެވެ. އެކަމަކު ސުވާލަކީ މި ސަބަބުތަކަކީ ނައިބު ރައީސް ޖަމީލް މަގާމުން ދުރުކުރަން ޖެހޭ ސަބަބުތަކެއް ހެއްޔެވެ؟ އެކަން ނިންމާނީ ރައްޔިތުން ތަމްސީލް ކުރައި މަޖިލީހުގެ މެންބަރުންނެވެ. ނޫނީ އެކަމަށް ހިޔާލުފާޅުކޮށް ގޮތް ނިންމާނީ ސީދާ ރައްޔިތުންނެވެ.

އެ މަސައްކަތަށް ޓަކައި ހޯދަން ޖެހޭ 29 މެންބަރުގެ ސޮއި ހޯދަން ޕީޕީއެމް އިން ނުކުމެފައިވާ އިރު އެ ޕާޓީގެ މެންބަރުން ވިދާޅުވަނީ އެ މައްސަލަ މަޖިލީހަށް ވައްދާނީ ވެސް އެ މައްސަލަ ފާސްވާން ބޭނުންވާ އަދަދު 57 މެންބަރުންގެ ސޮޔާ އެކުގައި ކަމަށެވެ. ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ފާސްކުރާނެ ކަމުގެ ފުރުސަތު ވެސް މި ވަނީ ބޮޑުވެފަ އެވެ.