ޔުމްނާ މައުމޫން

ކަޅުވަކަރު މިސްކިތް ބެހެއްޓުމުގައި އިލްމްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރާނެ: ޔުމްނާ

ކަޅުވަކަރު މިސްކިތް ބެހެޓުމަށް ހަމަޖެހިފައިވާ ތަނާމެދު އިލްމްވެރިންގެ ހުރި ކަންބޮނޑުވުންތަކާ މެދު ސަރުކާރުން މަޝްވަރާ ކުރައްވަމުން ގެންދާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކަޅުވަކަރު މިސްކިތަކީ ދިވެހި އިސްލާމީ ތާރީހު ދައްކުވައިދޭ މުހިންމު ބިނާއެއް ކަމަށެވެ. އަދި އަލުން ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނަކާމެދު މިއަދު އިލްމީ ގޮތުން ގައުމީ ފެންވަރުގައި މަޝްވަރާ ކުރަމުންދާތީ އުފާ ކުރައްވާ ކަމަށެވެ. ސަރުކާރުން ވަނީ ކަޅުވަކަރު މިސްކިތް އިސްލާމީ މަރުކަޒުގެ ކުރިމަތީގައި ކުރިން ދިރާގު ހުރި ތަނަށް ބަދަލު ކުރަން ނިންމާފަ އެވެ. ނަމަވެސް މި ނިންމުމާ ދެކޮޅަށް ދީނީ އިލްމްވެރިިން ވަނީ ހިޔާލު ފާޅު ކުރައްވާފަ އެވެ.

" ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ކަންކަމުގައި މިއަދު އިލްމީ ގޮތުން ހިޔާލު ފާޅުކޮށް ގައުމީ ފެންވަރުގައި މަޝްވަރާ ކުރެވޭތީ އަޅުގަނޑު އުފާ ކުރަން. އިލްމުވެރީންގެ ކަންބޮޑުވަންތަކާމެދު އަދުގެ ސަރުކާރުން ގެންދަވަނީ ވިސްނަވައި މަޝްވަރާ ކުރައްވަމުން." ޔުމްނާ ޓުވިޓާގައި ވިދާޅުވި އެވެ.

އެގޮތުން އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒުގެ ކުރިމަތީގައި މިސްކިތް ބެހެއްޓުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ. އޭނާ ވިދާޅުވީ މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތ ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާކުރައްވާފައި ކަމަށެވެ. ނަމަވެސް މިސްކިތް ބަހައްޓަނީ ނަމާދު ނުކުރެވޭ ގޮތަށް ވާނަމަ މައްސަލަ އެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޔުމްނާ އިތުރަށް ވިދާޅުވެފައިވަނީ ހިރިގަލުން ހަދާފައިވާ ކަޅުވަކަރު މިސްކިތަކީ 200 އަހަރަށް ވުރެ ގިނަ ދުވަސްވީ މިސްކިތެއް ކަމަށެވެ. އަދި އެމިސްކިތަކީ ދިވެހިން ދިގު އިސްލާމީ ތާރިހު ދައްކުވައިދޭ ތަނެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުޅިވަރު ކުޅޭ ތަނެއް ހަދަން މިސްކިތް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ މިސްކިތް ހުރިތަނުގައި، ވިންޓާ ތީމް ޕާކެއް ގާއިމްކޮށްފަ އެވެ.