ދުނިޔެ

މުސްލިމުން "އުޅެންވީ ގޮތުގެ" ގާނޫނެއް ޗައިނާއިން ފާސްކޮށްފި

Jan 6, 2019
2

ބެއިޖިންގް (ޖެނުއަރީ 5) - ޗައިނާގައި ދިރިއުޅޭ މުސްލިމުން އަމަލު ކުރަންޖެހޭ ގޮތްތައް ކަނޑައަޅާ ގަނޫނެއް ސަރުކާރުން ފާސްކޮށްފި އެވެ.

ޗައިނާގެ މައި އިނގިރޭސި ނޫސް "ގްލޯބަލް ޓައިމްސް" އިން ބުނި ގޮތުގައި، އެ ގައުމުގައި ހަރަކާތްތެރިވާ އަށް މުސްލިމު އެސޯސިއޭޝަނަކާއި ބައްދަލުކޮށް، ސޯޝަލިޒަމް އާއި އެއްގޮތްވާ ގޮތުގެ މަތިން، މުސްލިމުން "ގައިޑު" ކޮށްދިނުމަށް ސަރުކާރާއެކު އެއްބަސްވެފައިވާ ކަމަށެވެ.

ރައިސް ޝީ ޖިންޕިންގެ ސަރުކާރުން ދަނީ ދީނީ ހަރުކަށިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށްކަމަށް ބުނެ، އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ހައްގުތައް ހަނި ކުރަމުންނެވެ. މިގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި، ރޯދަ ހިފުމާއި، ތުނބުޅި ދިގުކުރުމުގެ އިތުރުން، ނަމާދު ކުރުމާއި ބުރުގާ އެޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ޗައިނާގައި ދިރިއުޅޭ އެއް މިލިއަން ވީގޫރު މުސްލިމުން ޓެރަރިޒަމް ކޮންޓްރޯލް ސެންޓަރުތަކުގައި ހިފަހައްޓައިގެން ގެންގުޅޭކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

ވީގޫރު މުސްލިމުންނަކީ ޗައިނާގެ ޝިންޖަންގް ޕްރޮވިންސްގައި ދިރިއުޅޭ ބަޔެކެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އާބާދީގެ 45 ޕަސަންޓަކީ ވީގޫރު މުސްލިމުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ހިފަހައްޓައިގެން އެތަކެއް އަނިޔާއެއް ދެމުންގެންދާ ކަމަށް އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުން ގެންދަނީ ބުނަމުންނެވެ.