ދުނިޔެ

ޕާކިސްތާނުގެ ގަދަ ހޫނުގައި ހާހަކަށް ވުރެ ގިނަ މަރު، ހޮސްޕިޓަލްތަކާއި މޯޗަރީތައް ތޮއްޖެހިއްޖެ

Jun 26, 2015

ޕާކިސްތާނުގެ ދެކުނު ބިތުގައި އޮންނަ ސިންދު ޕްރޮވިންސުގައި އާދަޔާހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް އަރައި، ހޮސްޕިޓަލްތަކާއި މޯޗަރީތައް ތޮއްޖެހިއްޖެ އެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނި ގޮތުގައި އެ ޕްރޮވިންސްގެ ކަރާޗީން އެކަނި ވެސް 950 މީހުން ވަނީ އިއްޔެގެ ނިޔަލަށް މަރުވެފަ އެވެ. އަދި އިތުރު އެތައް ހާސް ބަޔަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ބުންޏެވެ.

އެންމެ ގިނަ މީހުން މަރުވި ކަރާޗީގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަަށް ގޮސްފައި ހުންނަތާ އެތައް ދުވަހެއް ފަހުން އިއްޔެ ވަނީ 38 ޑިގްރީ އަށް ތިރިވެފަ އެެވެ. މީގެ ކުރިން ކަރާޗީގެ ހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ، 1979 ވަނަ އަހަރު 47 ޑިގްރީ ސެލްސިއަސް އަށެވެ.

އެހެން ނަމަވެސް، ސިންދު ޕްރޮވިންސްގައި ގަދަ ހޫނުގެ އަސަރުކޮށްގެން މަރުވި މީހުންގެ އަދަދު އެ އަށް ވުރެ ވެސް މަތިވާނެ ކަމުގެ އިންޒާރު އެހީ ދޭ ޖަމާއަތްތަކުން ދަނީ ދެމުންނެވެ. އެ ގޮތުން، އެދީ ވެލްފެއާ އޮގައިޒޭޝަންގެ އިސް އޮފިޝަލެއް ކަމަށްވާ އަންވަރު ކަޒްމީ ވިދާޅުވި ގޮތުގައި މަރުވި މީހުންގެ އަދަދު 1،500 އަށް ވުރެ މައްޗަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"މަރުވާ މީހުންނާއި ފަރުވާ ބޭނުންވާ މީހުންގެ އަދަދު ގިނަވެެގެން ގޮސް ޑޮކްޓަރުން ވެސް ތިބީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފަ އެވެ. ހޮސްޕިޓަލްތައް ފުރިގެން ބިންމަތީގައި ހަށިތައް ބަހައްޓަން ވެސް ވަނީ ޖެހިފައި،" އޭއެފްޕީ ނޫސް އެޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ކަރާޗީގެ ޕެޑިކަލް އެސޯސިއޭޝަން އޮފް ޕާކިސްތާނުގެ ޑޮކްޓަރެއް ކަމަށްވާ ގައިސަރު ސައްޖާދު އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި ގިނަ މީހުންތަކެއް މަރުވާން ދިމާވީ ހޫނުގެ ސަބަބުން ކުރާ އަސަރުތަކާ ބެހޭ ފުރިހަމަ މައުލޫމާތާއި އެ އަސަރުތައް ކުޑަކުރާނެ ގޮތްތައް ބުނެދެވިފައި ނެތުމުންނެވެ.

ގަދަ ހޫނުން އާއްމުން ރައްކާތެރިކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ މޫސުމާ ބެހޭ ޕާކިސްތާނުގެ ގައުމީ އިދާރާގެ އިތުރުން އަސްކަރިއްޔާ އަށް އަމުުކުރައްވާފަ އެވެ. އަދި ގަދަ ހޫނުގެ އަސަރު ކުރާ މީހުންނަށް ހާއްސަ ސެންޓަރުތައް ސިފައިން މިހާރު ގާއިމްކުރަމުން ދާއިރު، އާއްމުންނަށް ފަސޭހަ ކުރުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް ވަނީ ބަންދުކޮށްފަ އެވެ.

ޕާކިސްތާން ސަރުކާރުން މި ފިޔަވަޅުތައް އަޅަން ފަށާފައި މި ވަނީ ހޫނުގެ އަސަރުކޮށްގެން މީހުން މަރުވާން ފެށިތާ ހަތަރު ދުވަސް ފަހުންނެވެ. އެހެންވެ، ހޫނުގެ އަސަރުކޮށްފައިވާ މީހުންނަށް އެހީވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ބުނެ، އާއްމުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުންް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއަމުންނެވެ. އެ ގޮތުން، ކަރާޗީގައި އާއްމުންގެ ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.

މިއީ ރޯދަމަސް ކަމުން، ގަދަ ހޫނުގެ އަސަރު ކުރާ މިންވަރު ބޮޑެވެ. މި ހާލަތުގައި ރޯދަ ހިފުން ވާޖިބު ނުވާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވަމުން ގެންދެވިޔަސް، ބައެއް ފިހާރަތަކުން ދަނީ ފެން ފުޅި ފަދަ ތަކެތި މުސްލިމުންނަށް ދުވާލު ގަޑީގައި ވިއްކަން ދެކޮޅު ހަދަމުންނެވެ.

މީގެ އިތުރުން، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ، ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑޭތީ އޭސީ ބޭނުން ނުކުރެވޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އެ ކަމުގެ އަސަރު މޯޗަރީތަކަށް ވެސް  ކޮށް، ބައެއް ތަންތަނުގެ ފިނިކުރުމުގެ ނިޒާމްތައް ވެސް ވަނީ ހަލާކުވެފަ އެވެ.

ޕާކިސްތާނުގެ ބައެއް ހިސާބުތަކުގައި ހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ގޮސްފައި ވާއިރު، އަވަށްޓެރި އިންޑިއާގެ އެކި ހިސާބުތަކުގައި ވެސް ހޫނު ގަދަވެ، 1،700 އަށް ވުރެ ގިނަ މީހުން މިދިޔަ މަހު މަރުވެފައިވެ އެވެ.