ހަބަރު

އެމްޑީޕީގެ ޕްރައިމަރީ މި މަހު 18ގައި

Jan 6, 2019

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ފައިނަލް ކުރަން ބާއްވާ އެ ޕާޓީގެ ޕްރައިމަރީ މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ޕްރައިމަރީއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަޖިލިސް 19 އިންތިހާބު ރާވާ ހިންގާ ކޮމިޓީގެ މެންބަރު އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީ އިން 86 ދާއިރާއަށް ކުރިމަތިލާ އިރު ޕްރައިމަރީ ބާއްވަނީ 77 ދާއިރާއެއްގައި ކަމަށާއި އެއް ބޭފުޅަކު ވާދަަ ކުރައްވާތީ ޕްރައިމަރީއަކާ ނުލާ ނުވަ ދާއިރާއަކަށް ޓިކެޓު ދީފައިވާ ކަމަށެވެ.

އެގޮތުން ޕްރައިމަރީ މި މަހު 18 ވާ ހުކުރު ދުވަހު ބާއްވާނެ ކަމަށާއި ވޯޓުލުން އެ ދުވަހު މެންދުރު ފަހު 2:30 އިން ރޭގަނޑު 8:00 އަކަށް ކުރިޔަށް ދާނެ ކަމަށް ވަހީދު ވިދާާޅުވި އެވެ. އަދި 8:00 ހާއިރު ކިއޫގައި ތިއްބަވާ ފަރާތްތައް ނިމެންދެއް ވޯޓުލުން ކުރިޔަށް ދާނެ ކަމަށާއި ވޯޓުލުން ކުރިޔަށް ދާނީ ކޮންމެ ރަށެއްގައި ހުންނަ އެމްޑީޕީ ހަރުގެތަކުގައި ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"ޕްރައިމަރީތައް ބާއްވާނީ ހުރިހާ ރަށެއްގެ އެމްޑީޕީ ހަރުގެތަކުގައި، ނަމަވެސް ހަރުގެ ނުހުންނަ ރަށްތަކުގައި އިޖްތިމާއީ މަރުކަޒު ފަދަ ތަނެއްގައި ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންދަން، އޮންނަ ތަނެއް ވޯޓު ލުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އިއުލާން ކުރާނަން،"

މަޖިލިސް 19 ގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށް 86 ދާއިރާގެ ތެރެއިން 280 ފަރާތަކުން ކުރިމަތިލެއްވި ކަމަށާއި އޭގެ ތެރެއިން ހަތަރު ބޭފުޅަކު ނަން އަނބުރާ ނަންގަވާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. ނުވަ ދާއިރާއަކަށް އެއް ބޭފުޅަކު ވާދަ ކުރައްވާއިރު ބައެއް ދާއިރާތަކަށް ދެ ބޭފުޅުންނަށް ވުރެ ގިނައިން ޕްރައިމަރީގައި ވާދަ ކުރައްވާ ކަމަށެވެ. އެންމެ ގިނައީ ވިލިމާލެ ދާއިރާއަށް ވާދަ ކުރައްވާ ފަރާތްތައް ކަމަށާއި އެގޮތުން ނުވަ ބޭފުޅަކު އެ ދާއިރާއަށް ކުރިމަތިލައްވާ ކަމަށް ވަހީދު ވިދާޅުވި އެވެ.