ދުނިޔެ

ބިންހެލުމުގެ ގެއްލުންތައް އާރާސްތުކުުރަން އިންޑިއާ، ޗައިނާ އިން ނޭޕާލަށް މިލިއަނުން އެހީވަނީ

Jun 26, 2015

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގައި ލިބުނު ގެއްލުންތައް އަލުން އާރާސްތުކުރުމަށް އިންޑިއާ އާއި ޗައިނާ އިން ބޮޑެތި އެހީތަކެއް ވާން ނިންމައިފި އެވެ.

ނޭޕާލަށް އެހީ ހޯދުމަށް އިއްޔެ ފެށި ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އިއުލާންކުރި ގޮތުގައި އިންޑިއާ އިން އެއް ބިލިއަން ޑޮލަރު، ޗައިނާ އިން 500 މިލިއަން ޑޮލަރު އަދި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން 600 މިލިއަން ޑޮލަރު ދޭނެ އެވެ. މީގެ އިތުރުން، ޖަޕާނުން 260 މިލިއަން ޑޮލަރު، އެމެރިކާ އިން 130 މިލިއަން ޑޮލަރު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ދޭން ބުނި 100 މިލިއަން ޑޮލަރާ އެކު ބޭރުގެ ފަރާތްތަކުން އެ ކޮންފަރެންސްގައި ވައުދުވެފައިވާ އެހީގެ މިންވަރު ވަނީ ތިން ބިލިއަން ޑޮލަރަށް އަރާފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ނޭޕާލަށް ބިންހެލުމެއް އައީ މެގްނެޓިއުޑް 7.8 ގެ ބާރު މިނުގަ އެވެ. އެ ބިންހެލުމުގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ 18،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، މި މަހުގެ 12 ވަނަ ދުވަހު ނޭޕާލަށް ބާރުގަދަ ދެވަނަ ބިންހެލުމެއް އައިސްފައިވެ އެވެ. އެ ބިން ހެލުން އައީ މެގްނެޓިއުޑް 7.3 ގެ ބާރުމިނުގަ އެވެ.

އެ ބިންހެލުންތަކުގައި ލިބުނު ގެއްލުންތައް އަލުން އާރާސްތުކުރުމަށް ޖުމްލަ ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ނޭޕާލް ސަރުކާރުން އަންދާޒާ ކުރެ އެެވެ. އެކަމަކު، އެެ އަދަދު ފޯރުކޮށްދޭން ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ފަހަތަށް ޖެހިފަ އެވެ. އެއީ، ނޭޕާލް ސަރުކާރުން އެ އެހީ އެދެވޭ ގޮތުގައި ބޭނުން ނުކޮށްފާނެ ކަމުގެ ބިރަށްޓަކަ އެވެ.

އެހެން ނަމަވެސް، އިއްޔެ ފެށި ކޮންފަރެންސްގައި ނޭޕާލްގެ ބޮޑުވަޒީރު ސުޝިލް ކޮއިރަލާ ވަނީ ނޭޕާލް ސަރުކާރާ އެކު މަސައްކަތް ކުރުމަށް ބޭރުގެ ފަރާތްތަކަށް ގޮވާލައްވާފަ އެވެ. އަދި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ވެސް ބޭރުގެ ފަރާތްތަކަށް ދެއްވި އެވެ.

"މި އެހީ ބޭނުން ޖެހިފައިވާ ސަރަހައްދުތަކަށް ފޯރުކޮށް ދިނުމަށް ނުފޮރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާނަން،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ގެއްލުންތައް އާރާސްތުކުތުމަށް ބޭނުންވާ އެހީގެ އިތުރުން، އެ ބިންހެލުންތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކާނާ އާއި ޓެންޓް ފަދަ އަސާސީ ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަނި ވެސް 432 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. އިން ވަނީ ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއްކުރެވިފައި ވަނީ އެއިގެ އެންމެ ތެރެއިން ވެސް އެންމެ 22 ޕަސެންޓް (92.4 މިލިއަން ޑޮލަރު) ކަމަށް އދ.ގެ ރަސްމީ ހިސާބުތަކުން ދައްކަ އެވެ.

އެހެންވެ، އދ. އިން ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީ އަދިވެސް އިތުރަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި ގެއްލުން ލިބުނު ސަރަހައްދުތައް އަލުން އާރާސްތުކުރުމަށް އެހީވުމުގެ ބަދަލުގައި، އަދިވެސް ބޮޑަށް ފޯކަސް ކުރަންޖެހިފައި ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޯހިޔާވަހިކަމާއި ކާނާ އާއި ބޭސް ފަދަ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަަށެވެ.

އެހެން ނަމަވެސް، ނޭޕާލް ސަރުކާރުން ބޭރުގެ ފަރާތްތަކަށް ގޮވާލާފައި ވަނީ ސީދާ ސަރުކާރަށް ދޭ ފައިސާގެ އެހީގެ މިންވަރު އިތުރުކުރުމަށެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ބޭރުގެ ފަރާތްތަކުން މިހާތަނަށް ދީފައިވާ އެހީގެ މިންވަރު އުޅެނީ ބިންހެލުމުގެ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ ޖުމްލަ ހޭދައިގެ އެންމެ 10 ޕަސެންޓުގަ އެވެ.

ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށް ދިނުން ލަސްވާ މައްސަލައިގައި ނޭޕާލް ސަރުކާރަށް ވަނީ ފާޑުކިއުންތައް ވެސް އަމާޒުވެފަ އެވެ. އެ ގޮތުން، ކާނާ އާއި ބޯފެނުގެ އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެެ.

ފުރަތަމަ ބިންހެލުން އައިތާ ދެ މަސްދުވަސްވަރު ވެފައި ވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ނޭޕާލުގައި ވަނީ އާއްމުވެފަ އެވެ.