ވިޔަފާރި

"މިފްކޯ ބޮޑު ކަންނެލި ރޭ": ކަންނެލީގެ އާ އުފެއްދުން ތަކެއް ނެރެފި

Jun 26, 2015

ކަންނެލި މަހާއި ކަންނެލިން އުފައްދާފައިވާ ތަފާތު ގިނަ އުފެއްދުންތަކެއް މިފްކޯ އިން މިރޭ ބާޒާރަށް ނެރެފި އެވެ.

"ބޮޑު ކަންނެލި ރޭ" ގެ ނަމުގައި މިފްކޯ މަސް ފިހާރާގައި ކުރިއަށް ގެންދިޔަ ހާއްސަ އިވެންޓުގައި ކަންނެލިން އުފައްދާފައިވާ މީރު ގިނަ ބާވަތްތަކެއް ނެރެފައިވެ އެވެ. މި ބާވަތްތަކުގެ ތެރޭގައި ކަންނެލި ޗީކް މީޓް (ބޮޑު ކަންނެލީގެ ކޮލު މަސްކޮޅު) އާއި ހެޑް މީޓްގެ އިތުރުން ޓޫނާ ރިބް (އަރިކަށްޓާއި) ކަންނެލީގެ ނޭވާ ހޮޅި އަދި މޭބިސް ލަގޮނޑި އާއި ބެލީ ހިމެނެ އެވެ. މީގެ އިތުރުން ކަންނެލި ހަމާއި ކަށިފަތި ވެސް ހިމެނެ އެވެ.

މިފްކޯ އިން ވަނީ މި ބާވަތް ތަކުން ތައްޔާރުކޮށްފައިވާ މީރު ބާވަތްތައް އާއްމުގެ ރަހަ ދެއްކުމުގެ ހަރަކާތެއް ހިންގާފަ އެވެ. ކަންނެލީގެ ބައިތަކުން ތައްޔާރުކޮށްފައިވާ ބާވަތްތައް ރަހަ ބެލި ގިނަ މީހުން ވަނީ މި ތަކެތި ވަރަށް މީރު ކަމަށް ބުނެފަ އެވެ. މީގެ ތެރޭގައި ކަންނެލީގެ ކޮލު މަސްކޮޅު ޗީކް މީޓުން ތައްޔާރުކޮށްފައިވާ މީރު އުފެއްދުންތަކާއި ތެލުލި ކަންނެލި ހަން ވެސް ހިމެނެ އެވެ.

މިފްކޯގެ ހެޑް އޮފް މާކެޓިން އެންޑް ސޭލްސް މުހައްމަދު ޝަރީފު ވިދާޅުވީ ކަންނެލީގެ އެއްވެސް ބާވަތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ބުނެލަން ބޭނުންވަނީ ކަންނެލީގައި ނެތޭ އުކާލާނެ އެއްވެސް އެއްޗެއް،" ޝަރީފު ވިދާޅުވި އެވެ.

މިފްކޯ އިން މިރޭ ތައާރަފުކުރި ކަންނެލީގެ އުފެއްދުންތައް އެ ކުންފުނީގެ މަސް ފިހާރައިން ލިބެން ހުރެ އެވެ. މި ބާވަތްތަކުގެ އިތުރުން ރޯ މަހާއި ހިކި މަސް އަދި "ރަސްއައިން" ބްރޭންޑުގެ ގިނަ ބާވަތްތަކެއްވެސް ލިބެން ހުރެ އެވެ.