އިސްލާމިކް މިނިސްޓްރީ

މިސްކިތްތަކާއި ސަހަރާތައް ބެލެހެއްޓުން ސިޓީ ކައުންސިލްތަކާ ހަވާލުކޮށްފި

މޯޗަރީ، ސަހަރާތަށް އަދި މިސްކިތްތަށް ބެލެހެއްޓުން އަލުން ސިޓީ ކައުންސިލާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލާ ދެމެދު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓިރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓިރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޖަމީލް އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އެވެ.

އިސްލާމީ މަރުކަޒުގައި ސޮއި ކުރި، އެ އެއްބަސްވުމާ އެކު، މޯޗަރީތައް ބެލެހެއްޓުމާއި އައްޑޫ އަދި ފުވައްމުލަކުގެ މިސްކިތްތަކުގެ އިތުރުން މާލޭގެ މިސްކިތްތަށް މިއަދުން ފެށިގެން ބަލަހައްޓާނީ އެ ސިޓީއެއްގެ ކައުންސިލުން އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޝަމާއު ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށައް މިސްކިތްތަށް ގެންދިޔުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސިޓީ ކައުންސިލުން މިސްކިތްތަކުގެ ހާލަތު ވަރަށް ރަނގަޅަށް ބަލައި މިސްކިތްތައް މަރާމާތު ކުރުމާއި އެހެނިހެން ހުރިހާ ކަމެއްގެ ޒިންމާ ފުރިހަމަޔަށް ނަގާނެ އެވެ. އަދި މިސްކިތްތަކުގެ ކަންތައްތައް ބެލެހެއްޓުމުގެ ގޮތުން ކައުންސިލުން ހާއްސަ ކޮމިޓީ އެއްވެސް އެކުލަވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ސިޓީ ކައުންސިލުން ބަލަހައްޓަމުން އައި ކަމެއް އަލުން ކައުންސިލާ ހަވާލުކުރުން، މިސްކިތްތަކުގެ ކަންތަށް ރަނގަޅަށް ބެލެހެއްޓުމުގެ ގޮތުން މިހާރުވަނީ ކޮމިޓީ އެއްވެސް އުފައްދާފަ އަދި ކައުންސިލްގެ ފަރާތުން މިސްކިތްތަށް ބެލެހެއްޓުމުށް ދޭންޖެހޭ ހުރިހާ ހިދުމަތެއް ދޭނަން،" ޝަމާއު ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސާބް އަބްދުﷲ ވިދާޅުވީ، ހައުސިން މިނިސްޓިރީން މިސްކިތްތަށް ބަލެހައްޓަމުން ދިޔައިރު އެ މިނިސްޓިރީއަށް ވެސް ދަތިތަކެއް ކުރިމަތިވި ކަމަށެވެ އޭނާ ވިދާޅުވީ މިސްކިތްތަށް އެންމެ ރަނގަޅަށް ބެލެހެއްޓެނީ ސިޓީ ކައުންސިލްތަކަށް ކަމަށެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ މި ބަދަލު އައި، ނަމަވެސް މިސްކިތް އިމާރާތް ކުރުމަށް ހުއްދަށް ނަގަން ޖެހޭނީ އިސްލާމިކް މިިނިސްޓްރީއިން އެވެ. އަދި މިސްކިތް އިމާރަތްކޮށް ނިންމާ މިނިސްޓިރީ އަށް ހަވާލު ކުރުމުން، މިސްކިތް ކައުންސިލްތަކާ ހަވާލު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިސްކތުގައި ގުރުއާން ކްލާސް، ދީނީ ދަރުސްތަށް އަދި އެހެނިހެން ދީނީ ހަރަކާތްތައް ހިންގުމުގެ ހުއްދަތައް އަދިވެސް ނަގަން ޖެހޭނީ މިނިސްޓިރީ މެދުވެރިކޮށެވެ.