ބޮލީވުޑް

"ޝާންދާރް" ރިލީޒްކުރުން އޮކްޓޫބަރަށް ފަސްކޮށްފި

Jun 27, 2015

ޑައިރެކްޓަރު ވިކާސް ބަލްގެ އާ ފިލްމު "ޝާންދާރް" ގެ މަސައްކަތް ފެށުމުގެ ކުރިންވެސް މިފިލްމާއި ބެހޭގޮތުން އެކު ފަރާތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.

އެކްޓަރު ޝާހިދު ކަޕޫރު އާއި އާލިއާ ބަޓްގެ ޖޯޑު ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމުގެ އިތުރުން، މިފިލްމަކީ ގިނަ ބައެއްގެ ހިތްތަށް ފަތަހަ ކުރި ފިލްމުގެ އިތުރުން މިދިޔަ އަހަރާއި މިއަހަރުގެ އެންމެ ރަން ވަނަތައް ގެންގޮސްފައިވާ ފިލްމު "ކުއީން" އަށް ފަހު ވިކާސް ޑައިރެކްޓްކުރާ ދެވަނަ ފިލްމަށް ވުމުން ފިލްމާއި މެދު، ބެލުންތެރިންކުރަމުން އަންނަ އުންމީދު ބޮޑެވެ.

ފިލްމު ސިނަމާތަކުގައި ދައްކާނެ ދުވަހެއްގެ އިންތިޒާރުގައި މިހާރުވެސް ގިނަ ބަޔަކު ތިބިއިރު، މިފިލްމު ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައި އޮތް ދުވަސް މިވަނީ ފަސްކޮށްފަ އެވެ.

ކުރިން ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހު ރިލީޒްކުރާގޮތަށް ހަމަޖެހިފައި އޮތް މފިލްމު ރިލީޒްކުރާ ދުވަސް އޮކްޓޯބަރު މަހަށް ލަސްކޮށްފައިވާކަން ހާމަކޮށްފައިވަނީ ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ކަރަން ޖޯހަރު ކުރި ޓްވީޓެއްގަ އެވެ.

ކަރަން ކުރި ޓްވީޓްގައިވަނީ އިންޑިއާގައި ފާހަގަކުރަމުން އަންނަ ފެސްޓިވަލް ދުވަހެއް ކަމަށްވާ ދުސޭރާ ދުވަހާއި ދިމާކޮށް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު މިފިލްމު ރިލީޒްކުރަން ނިންމާފައިވާ ކަމަށެވެ.

މިފިލްމު ޕްރޮޑިއުސްކުރުމުގެ އިތުރުން، ކަރަން ވަނީ މފިލްމުގައި ހާއްސަ ފެނިލުމަކުން ފެނިގެންދާނެ ކަމަށްވެ އެވެ. އަދި ކަރަން މިރޯލު ކުޅުމަށް އާނބަސް ބުނެފައިވަނީ ބަތަލާ އާލިއާގެ އެދުމުގެ މަތިން ކަމަށްވެސް ވެ އެވެ.

ކަރަން ޖޯހަރު އެކްޓަރެއްގެ ގޮތުގައި "ބޮމްބޭ ވެލްވެޓް" އިން ފެނިގެންދިއުމާއިއެކު ގިނަ ބައެއް ކަރަންގެ އެކްޓިންއަށް ތައުރީފުކޮށްފައިވާއިރު، ކަރަންގެ މި ފެނިލުމަށްވެސް އިންތިޒާރު ކުރާނެ ގިނަ ފަރާތްތަކެއް ތިބޭނެކަން ޔަގީނެވެ.

އިންޑިއާގެ ފަސްޓް ޑެސްޓްިނޭޝަން ފިލްމުގެ ގޮތުގައި ސިފަކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީ ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ކަރަން ޖޯހަރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިކަމަށްވާ ދަރްމާ ޕްރޮޑަކްޝަން އާއި ފެންޓަމް ފިލްމްސް ގުޅިގެންނެވެ.