ވިޔަފާރި

ކިލޯ ކިރައިގެން ކުޅި މަސް ވިއްކާ ބައެއް އެނގޭތަ؟

Jun 27, 2015

އާއްމު ގޮތެއްގައި ކުޅި މަސް ވިއްކަނީ ތަށި ތަށީގަ އެވެ. ނުވަތަ ޕާރުސަލްގަ އެވެ. ނޫނީ ކުދި ކޮތަޅުގަ އެވެ. ނަމަވެސް މިތަނުގައި ކުޅި މަސް ވިއްކަނީ ކިރައިގެންނެވެ. އެއީ މިފްކޯ މަސް ފިހާރައިން އެވެ.

"މިއީ ވަރަށް ފައްކާ އެއްޗެއް. މީރުވީމަ ކޮންމެ ދުވަހަކު ގަންނަން އަންނަން،" ކުޅިމަސް ގަންނަން މިފްކޯއަށް ގޮސް ހުރި އަހުމަދު ސަލީމްގެ ހިޔާލު ހުރީ މިގޮތަށެވެ.

"ތައްޔާރު ކުރާއިރަށް މި އޮންނަނީ ހުސްވެފަ. ވަރަށް ރަނގަޅަށް ވިކޭ އެއްޗެއް މިއީ،" ޝަރީފު ވިދާޅުވި އެވެ.

މިފްކޯ އިން ވިއްކާ ކުޅި މަސް އެހެން ތަންތަނުން ވިއްކާ ކުޅި މަހާ ވަރަށް ތަފާތެވެ. އެއް ތަފާތަކީ މީގައި ބޭނުންކޮށްފައި ހުންނަ ރަހަ ތަކެވެ. މި ތައްޔާރު ކޮށްފައި ހުންނަނީ ދިވެހި ހަވާދުގަ އެވެ. މިފްކޯ ކުޅި މަހަކީ ދިވެހި ކައްކާއެއްގެ ބެލުމުގެ ދަށުން ތައްޔާރުކުރާ ބާވަތެކެވެ. މި ބާވަތްތައް އުފައްދާފައިވަނީ މިފްކޯގެ ހެޑް ޝެފް ނަހީޒު އަބްދުލް ގަފޫރެވެ. ކުޅިމަސް ވިއްކަނީ 100 ގްރާމް، 12ރ. އަށެވެ.

މިފްކޯގެ ހެޑް އޮފް މާކެޓިން އެންޑް ސޭލްސް ޝަރީފު ވިދާޅުވި ގޮތުގައި ކުޅި މަހުގެ އިތުރުން ހަނާކުރި މަހާއި ފްރައި ޓޫނާ ވެސް މި ރޯދަ މަހު މިފްކޯ މަސް ފިހާރަ އިން ވިއްކަމުންދާ ކަމަށެވެ.

"މި ބާވަތް ތަކަށް އާއްމުންގެ ތަރުހީބު ވަރަށް ބޮޑު. ހާއްސަކޮށް ފްރައި ޓޫނާ އާއި ކުޅި މަސް ވަރަށް ގިނައިން ވިކޭ،" ޝަރީފު ވިދާޅުވި އެވެ.

ކުޅި މަސް ކިލޯ ކިރައިގެން ވިއްކުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. ނަމަވެސް މި ރޯދަ މަހާ ދިމާކޮށް މިފްކޯ އިން މިވަނީ މިކަން ފަށާފަ އެވެ.