ބޮލީވުޑް

ހަރްޝާލީ "ބަޖްރަންގީ ބައިޖާން" ޕްރޮމޯޓްނުކުރަނީ ކީއްވެ؟

Jun 27, 2015

ބައެއް މީހުންނަށް މިކުޑަކުޑަ އަންހެން ކުއްޖާގެ މިފިލްމުގެ ފުރަތަމަ އިޝްތިހާރުން ފެނުމުން އޭނާގެ ރިީތި ކަމަށް ތައުރީފު ކުރިއިރު، އަނެއްބަޔަކު ބުނަމުން ދިޔައީ ފިލްމުގެ ހަގީގީ ތަރި އަކީ އޭނާ ކަމަށެވެ.

ފިތުރު އީދުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބަޖްރަންގީ ބައިޖާން"ގެ ޕްރޮމޯޝަން މިހާރު ފަށާފައިވާއިރު، ކުޑަ އަންހެން ކުއްޖެއްގެ ރޯލުން ފެނިގެންދާ ހަރްޝާލީ މަލްހޯތުރާ ފިލްމުގެ އެއްވެސް ޕްރޮމޯޝަންއަކުން ފެނިގެންނުދާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ގުޅޭގޮތުން ތަފާތު އެކި ގޮތްގޮތަށް ސުވާލު އުފައްދަމުންނެވެ.

އެގޮތުން ފިލްމުގެ ޓްރެއިލާ ލޯން ކުރުމަށް ބޭއްވި ހަފްލާގައި ހަރްޝާލީ ފެންނަނެތުމުން ގިނަ ބަޔަކު ވަނީ ފިލްމު އެންމެ މުހިންމު ތަރި އެ އިވެންޓްގައި ބައިވެރިނުވާކަން ފާހަގަކޮށްފަ އެވެ. އުމުރުން ކިތަންމެ ހަގަސް، ހަރޝާލީ މިފިލްމުގައި އެކުގައި ފެނިގެންދަނީ މިވަގުތު ބޮލީވުޑްގައި ތިބި އެންމެ ނުފޫޒުގަދަ އެކްޓަރު ސަލްމާން ޚާން އާއި ބަތަލާ ކަރީނާ ކަޕޫރު އާއިއެކު ކަމުގައިވިޔަސް ހަރްޝާލީ އަށް ސަޕޯޓްކުރާ އެތަކެއް ހާސް ފޭނުނެއް މިހާރުވެސް އެބަތިއްބެވެ.

ވާހަކަ ނުދެއްކޭ ޕާކިސްތާން ކުޑައަންހެންކުއްޖެއްގެ ރޯލުން ހަރްޝާލީ ފެނިގެންދާ މިފިލްމުގައި ފެނިގެންދާނީ އޭނާއަށް އޮޅިގެން އިންޑިއާ-ޕާކިސްތާން ބޯޑަރު ހުރަސްކުރެވި، އިންޑިއާ ފަޅިއަށް އާދެވިގެން އެނބުރި ގައުމަށް ގެންގޮސްދޭން ސަލްމާން ކުރާ ދަތުރުގައި ދިމާވާ ކަންތައްތަކާއި ހާދިސާތަކެވެ.

ސަލްމާން އާއި ކަރީނާ ފަދަ ބޮޑެތި ތަރިންނަށް ވުރެން ހަރްޝާލީ މިހާރު ވިދާލާފައިވާއިރު، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާ އަށް ސަޕޯޓްކުރާ އެތަކެއް ހާސް ފޭނުންނެއްދަނީ ފިލްމުގެ ޕްރޮމޯޝަންތަކުގައި ސަލްމާން އާއި ކަރީނާ އަދި ޑައިރެކްޓަރު ކަބީރް ޚާން އާއިއެކު ހަރްޝާލީ ނުފެންނާތީ އެކަމާއި ސުވާލުތައް ފެންމަތިކުރަމުންނެވެ.

މީގެކުރިން ބައެއް ފިލްމުތައް ޕްރޮމޯޓްކުރުމަށް ބައެއް ތަރިން އެކަކު އަނެކަކާއި ޒާތީ ހަސަދައެއް ނުވަތަ އެފަދަ ކޮންމެވެސް މައްސަލައެއް ޖެހުމުގެ ސަބަބުން ބައިވެރިނުވާ ވާހަކައިގެ އަޑުއިވެ އެވެ. އެހެންނަމަވެސް މފިލްމުގެ ޕްރޮމޯޝަންތަކުގައި ހަރްޝާލީ ބައިވެރިނުވަނީ އެއްގޮތަކަށްވެސް އެފަދަ މައްސަލައެއް ޖެހުމުގެ ސަބަބުން ނެއް ނޫނެވެ.މިހާރުވެސް އޭނާއަށް ލިބެމުންދާ ސަޕޯޓްގެ ސަބަބުންނެވެ.

އާނެއެކެވެ. ކުޑަކުޑަ ހަރްޝާލީ އަށް މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާތީ ފިލްމުގެ ޑައިރެކްޓަރާއި ސަލްމާން ބޭނުންވެގެން ހަރްޝާލީ ފިލްމުގެ އެއްވެސް ޕްރޮމޯޝަންއެއްގައި ބައިވެރިނުކުރަނީ އެވެ.

ފިލްމުގެ އެންމެ މުހިންމު ރޯލުން ފެނިގެންދާ ހަރްޝާލީ އަށް ގިނަ ބަޔަކު ސަޕޯޓްކޮށް އޭނާ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ފިލްމުގައި ހަރްޝާލީ ފެނިގެންދާ "މުންނީ" ކިޔާ ކުޑައަންހެންކުއްޖެއްގެ ރޯލާއި ފިލްމާއި މެދު ބެލުންތެރިން ކުރަމުން އަންނަ އިންތިޒާރު މިހާރަށް ވުރެން ބޮޑު ކުރުމުގެ ގޮތުން ކަބީރު އާއި ސަލްމާން ހަރްޝާލީ އެއްވެސް ޕްރޮމޯޝަނަލް އިވެންޓެއްގައި ބައިވެރިކުރަން ބޭނުންނުވަނީ އެވެ.

“މުންނީ"ގެ ރޯލަކީ ފިލްމުގެ އެންމެ މުހިންމު ރޯލުކަމުން ހަރްޝާލީއަށް އެއްވެސް އިވެންޓެއްގައި ބައިވެރިވެސް ވެވޭނީ ފިލްމު ސިނަމާތަކުގައި ދައްކަން ފެށުމުން ކަމަށް ފިލްމުގައި މަސައްކަތްކުރާ ފަރާތަކުން ނޫސްތަކަށް ބުނެފައިވެ އެވެ.

މީގެއިތުރުން ވެސް ފިލްމުގެ ޑައިރެކްޓަރު ވަނީ ހަރްޝާލީގެ ރޯލު ފިލްމު ސިނަމާތަކުގައި ދެއްކުމާއި ހަމައަށް ސިއްރެއްގެ ގޮތުގައި ބޭއްވުމުގެ ގޮތުން ހަރްޝާލީގެ މަންމަ އާއި ބައްޕަ ލައްވާ އެ ސިއްރު ހިފެހެއްޓުމަށް ޓަކައި އެގްރީމަންޓް އެއްގައި ސޮއި ކުރުވާފަ އެވެ.

ސަލްމާން މިފިލްމުގައި މިކުޑައަންހެންކުއްޖާ އަނބުރާ ޕާކިސްތާނަށް ގެންގޮސްދިނުމަށް މަސައްކަތްކުރާއިރު ، ކަރީނާ ފެނިގެންދާނީ އޭނާގެ ލޯބިވެރިޔާގެ ރޯލުންނެވެ. އަދި މުހިންމު ރޯލުން ފެނިގެންދާ ނަވާޒުއްދީން ސިއްދީގީ ފެނިގެންދަނީ ޕާކިސްތާން ނޫސްވެރިއެއްގެ ރޯލުންނެވެ.

ކަޝްމީރު އާއި މަންޑަވާ އަދި ދިއްލީގައި ޝޫޓްކޮށްފައިވާ މިފިލްމުގެ ލަވަތަކާއި ޓްރެއިލާއަށް މިހާރުވެސް ގިނަބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އެގޮތުން ގިނަބަޔަކު މިހާރުވެސް ވަނީ މިއީ "ބްލޮކްބާސްޓާ" އަކަށް ވާނެ ފިލްމެއް ކަމަށް ބުނެފަ އެވެ.