ބޮލީވުޑް

"އޭބީސީޑީ 2" ރެކޯޑަކަށްފަހު ރެކޯޑެއް މުގުރަމުން ބޮކްސް އޮފީސް ފަތަހަ ކުރަނީ

Jun 27, 2015

ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ ޑާންސް ޑްރާމާ ފިލްމު "އޭބީސީޑީ"ގެ ސީކުއެލް "އޭބީސީޑީ 2” ސިނަމާތަކުގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހު ދައްކަން ފެށުމާއިއެކު އަންނަނީ ބޮކްސް އޮފީހުގައި ރެކޯޑަކަށްފަހު ރެކޯޑެއް މުގުރައި ބޮކްސް އޮފީސް ހިސޯރުކުރަމުންނެވެ.

އެގޮތުން ފިލްމު އެންމެ ފުރަތަމަ ދައްކަން ފެށުމާއިއެކު ވަނީ މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު 14 ކްރޯޑް ހޯދައިގެން އެންމެ ކާމިޔާބު ފެށުމެއް ހޯދި ފިލްމުގެ މަގާމު ހޯދުމުގެ އިތުރުން ފިލްމު ރިލީޒްކުރި ހަފްތާ ބަންދުގައި އެންމެ ރަނގަޅަށް ހިނގި ފިލްމުގެ ރެކޯޑްވެސް ހޯދާފަ އެވެ.

ފިލްމު ސިނަމާތަކުގައި ދައްކަން ފެށިތާ އިއްޔެ ހަފްތާއެއް ވެފައިވާއިރު، އަނެއްކާވެސް އާ ރެކޯޑެއް މުގުރާލާފަ އެވެ. އެގޮތުން ފުރަތަމަ ހަފްތާގެ ތެރޭގައި އެންމެ ރަނގަޅަށް ހިނގި ފިލްމުގެ ރެކޯޑްވެސް މިހާރު މިވަނީ ހޯދާފަ އެވެ.

ފާޑުކިޔާފަރާތްތަކުގެ ފަރާތުން ފިނި ތަރުހީބެއް ލިބުނު ނަމަވެސް، ވަރުން ދަވަން އާއި ޝްރަދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ މިފިލްމަށް ވަނީ ހަފްތާއެއްގެ ތެރޭގައި 71.78 ކްރޯޑް ހޯދައިގެން ކުރިން 70 ކްރޯޑް އާއިއެކު ފުރަތަމަ ހަފްތާގެ ތެރޭގައި އެންމެ ރަނގަޅަށް ހިނގި ފިލްމު "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" ފަހަތަށް ޖައްސާލުމަށްފަހު އަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ހަފްތާ އެންމެ ގިނަ އާމްދަނީ ލިބިގެން އެންމެ ރަނގަޅަށް ހިނގި ފިލްމަށް ވެގެން ގޮސްފަ އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ އިންޑިއާއިން އެކަނި ހަފްތާއެއްގެ ތެރޭގައި މިވަރު މިފިލްމަށް ލިބިފައިވާކަން ޔަގީންކޮށްދީފަ އެވެ.

“އޭބީސީޑީ 2”ވަނީ ހަފްތާއެއްގެ ތެރޭގައި"ތަންނޫ ވެޑްސް މަންނޫ ރިޓާންސް ފަހަތަށް ޖައްސާލުމަށްފަހު (މިހާތަނަށް) އެންމެ ރަނގަޅަށް ހިނގި ފިލްމުގެ ރެކޯޑް ހަދާފައި" ތަރަން ކުރި ޓްވީޓްގައިވެ އެވެ.

ލާސް ވެގަސް ގައި އޮންނަ ޑާންސް ރިއަލިޓީ ޝޯއެއްގައި ބައިވެރިވެ ބުރަ މަސައްކަތުން ކާމިޔާބު ހޯދާ ޑާންސް ގްރޫޕެއްގެ ކާމިޔާބު ދައްކުވައިދޭ މިފިލްމު މިހާރު މިދާ ސްޕީޑްގައި ކުރިއަށްދާނަމަ ތިންވަނަ ހަފްތާގެ ތެރޭގައި 100 ކްރޯޑް ކްލަބް އަށް ވަންނާނެ ކަމަށް ލަފާކުރެވެ އެވެ.

މިހާރުވެސް ރެކޯޑަކަށްފަހު ރެކޯޑެއް މުގުރަމުން މިފިލްމު ބޮކްސް އޮފީހުގައި ނަށަމުން ކުރިއަށްދާނަމަ، ކުރިއަށް އޮތް ތަނުގައި މިއަހަރުގެ މިހާތަނަށް ނިކުތް ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކަށް ވުން އޮތީ ވަރަށް ކައިރީގަ އެވެ.

ފިލްމުގެ ޓްރެއިލާ: