މީހުން

މިސްޓަ ބްރެޑްގެ ކާމިޔާބު ރެސިޕީގެ ސިއްރަކީ ހިތްދަތި ވާހަކައެއް!

ކާމިޔާބީ އަކީ ފޮނި އެއްޗެކެވެ. ނަމަވެސް ހުޅުމާލޭގެ އެއް ނަމްބަރު ޕާން "މިސްޓަ ބްރެޑް" ގެ ތިން ހިއްސާދާރުން އަދި ތިން ބެއިން ކަމުގައިވާ އަހުމަދު އަބްދުﷲ އާއި އިސްމާއީލް އަބްދުﷲ އަދި ހުސެއިން އަބްދުﷲ އަށް އެމީހުންގެ މި ވިޔަފާރީގެ ކާމިޔާބީ އެހާ ފޮންޏެއް ނޫނެވެ.

މި ތިން ބެއިންގެ ކާމިޔާބު ރެސިޕީގެ ސިއްރަކީ ހިތްދަތި ވާހަކަ އެކެވެ. އެތައް ދުވަހެއްގެ މަސައްކަތުން ކާމިޔާބީގެ ފޮނި ކަމަށް ވާސިލުވެވުނުއިރު އެއީ ކޮން ރަހައެއްކަން ބުނެދޭން އެމީހުންގެ ބައްޕަ އަށް މިއަދު ނޭނގޭތީ އެވެ. ހަތް ކުދިންގެ މި އާއިލާގެ ބައްޕަ، އަބްދުﷲ ހަސަން އަކީ އެމީހުންގެ މިސްޓަ ބްރެޑްގެ ކާމިޔާބީގެ އަސްލު ސިއްރެވެ.

ނަމަވެސް އެކަން އަބްދުﷲ ހަސަނަކަށް ދުވަހަކު ވެސް ނޭނގޭނެ އެވެ. ބުނެދިނަސް އެ ވާހަކައެއް އޭނާގެ ހަނދާނުގައި ހަރެއް ނުލާނެ އެވެ.

"ބައްޕަ އަކީ ޝޯޓް-ޓާމް މެމޮރީ ހުންނަ މީހެއް. އެއީ ބްރެއިން ސްޓްރޯކެއް ޖެހުނު ހިސާބުން ފެށިގެން،" މިސްޓަ ބްރެޑް އާއިލާގެ ވިޔަފާރީގައި އިސްކޮށް އުޅޭ ޒުވާން ހުސެއިންގެ އެމީހުންގެ ވާހަކަ ފެށީ މިހެންނެވެ.

"ބައްޕަގެ އެއްވެސް މެމޮރީއެއް ނެތް. އެއްޗެއް ބުނެދިނަސް ނުވަތަ ވާހަކައެއް ކިޔައި ދިނަސް ފަސް މިނެޓް ތެރޭގައި އެ ހުރިހާ ހަނދާނެއް ފިލައިގެންދަނީ. އަހަރެމެންގެ ނަންތަކެއް ވެސް، އަހަރެމެން މިއީ ދަރިންކަމެއް ވެސް ހަނދާނެއް ނުހުރޭ. މީހަކަ ކައިވެނިކޮށްގެން އާއިލާއެއް ލިބިފައިވާ ކަމެއް ވެސް ބައްޕައަކަށް މިހާރު ނޭނގޭ"

"އަދި އެއްޗެއް ކެޔަސް އޭގެ އެއްވެސް ރަހައެއް ނުވަތަ ފޮނިކަމެއް ވެސް ބައްޕައަކަށް ނޭނގޭ މިހާރަކު."

މި ތިން ބެއިން އެކުގައި ނުކުމެ އެމީހުންގެ އަނެއް ހަތަރު ކޮއްކޮއާ އެކު ކުރި މަސައްކަތުން "މިސްޓަ ބްރެޑް" އުފަންވީ ބައްޕަ އަށް ޖެހުނު ހާލުން ހޯދި ހިތްވަރުންނެވެ.

އެމީހުންގެ ބައްޕަ އަކީ އެއް އިރެއްގައި މުޅި ހުވަދު އަތޮޅަށް މަޝްހޫރުވި އިންޖިނިއަރެކެވެ. ނަމަވެސް ދިމާވި ބަދުނަސީބާ އެކު އެމީހުންގެ އާއިލާގެ އުފާވެރިކަން ވެސް އެއްކޮށް ފޮހެވިގެން ދިޔައީ އެވެ. މި ތިން ބެއިންނާއި އެމީހުންގެ ހަގަށް ތިބި ކުދިންގެ މުސްތަގުބަލު ވެސް ސުވާލުތަކެއްގެ ތެރެއަށް ވެއްޓުނީ އެވެ.

އެންމެ ދޮށްޓަށް ހުރި އަހުމަދު އަބްދުﷲ އަށް އޯލެވެލް ހެދުނަސް ދެން ހުރި އޭނާގެ ކޮއްކޮ އިސްމާއީލް އަކަށް އެ ހިސާބަކަށް ވެސް ނުދެވުނެވެ. އޭރު ބަލި އެނދަށް ބައްޕަ ލައިގެން އުޅުނު މި އާއިލާ އިން އެމީހުންގެ ކަންތައް ހަމަޖައްސަމުން ދިޔައީ ތިމާގެ މީހުން ދިއްކޮށްލި އެއްޗަކުންނެވެ.

އެންމެފަހުން ގްރޭޑް އަށެކާ ހަމައިން ކިޔެވުން ހުއްޓާލާފައި އިސްމާއީލް ރިސޯޓަކަށް ދިޔައީ އެވެ. ބަދިގޭގައި ތަށި ދޮވެ ފޮޅައި ސާފުކުރާ މީހެއްގެ ވަޒީފާ އަށެވެ.

އޭނާގެ ހަގަށް ހުރި ހުސެއިންގެ ކިޔެވުން ދެން ކުރިއަށް ގެންދިޔައީ ރިސޯޓްގެ މި ވަޒީފާ އިން އިސްމާއީލަށް ލިބުނު އެއްޗަކުންނެވެ.

އެމީހުން އުޅުނީ މިހާލެއްގަ އެވެ. ނަމަވެސް ބައްޕަ އޮތް ހާލު ފެނުނު ހިސާބުން ފެށިގެން މި ތިން ބެއިން ގެތިގެން ދިޔައީ ނުގުޑާ ފަދަ ވަރުގަދަ އަޒުމަކުންނެވެ.

"އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ވިސްނުން އަބަދުވެސް އަޅުގަނޑުމެން ގެންގުޅުނީ،" ހުސެއިން ބުންޏެވެ.

އިސްމާއީލް ބުނީ އޭނާގެ އާއިލާ އެކަތިގަނޑަކަށްވެ މިފަދަ ވިޔަފާރިއެއް ފެށުމުގެ ހިތްވަރު ލިބުނީ ބައްޕަ މެދުވެރިކޮށް ކަމަށެވެ.

"ބައްޕަ އަށް ދިމާވި ގޮތަކީ އަޅުގަނޑުމެންގެ ވިޔަފާރިއެއް މިގޮތަށް ކުރިއަށް ގެންދިއުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބު އަދި ލިބުނު ހިތްވަރު. އެހެން ނޫން ނަމަ އާއިލާ މިގޮތަށް އެކަތިގަނޑަކަށްވެ މިފަދަ ކަމެއް ނުކުރެވޭނެ،" ރިސޯޓެއްގެ ބަދިގޭގައި މަސައްކަތު މީހެއްގެ ވަޒީފާއިން ފަށައިގެން މިހާރު ޝެފެއްގެ ފަހުރުވެރި ތޮފި އަޅައިގެން ހުރި އިސްމާއީލް ބުންޏެވެ.

ތަށި ދޮންނަން ރިސޯޓަށް ދިޔަ މި އިސްމާއީލް ޝެފަކަށްވި ވާހަކަ އަދި ބާއްވަމާ ހިނގާށެވެ. އޭނާގެ ހާއްސަ ރެސިޕީއަކަށް މި "މިސްޓަ ބްރެޑެއް" ފިހަން ފެށުމުގެ ކުރިން ވެސް މި ތިން ބެއިން އެކުގައި އެހެން ވިޔަފާރިތަކަށް ވެސް ނުކުތެވެ.

އެންމެ ފުރަތަމަ އެމީހުން މަސައްކަތްކުރީ ރަށުގައި ބޭސްފިހާރައެއް ހުޅުވައިގެން އާއިލާ ހަމައަކަށް އަޅުވާށެވެ. ނަމަވެސް އެމީހުންގެ ރަށް. ގއ. ދާންދޫ އޭރު އޮތް ހާލަތުން އެފަދަ ވިޔަފާރިއަކަށް ދޮރު ހުޅުވޭ ގޮތެއް ނުވި އެވެ.

ދެން މި ތިން ބެއިން ނުކުތީ ރަށުގައި ކޭބަލް ޓީވީގެ ހިދުމަތް ދޭށެވެ. ނަމަވެސް ކުރިމަތިވި ހުރަސްތަކަކާ ގުޅިގެން އެކަމެއް ވެސް ކާމިޔާބެއް ނުވި އެވެ.

ދެން މޮޑުނު ފުށްގަނޑަކީ "މިސްޓަ ބްރެޑެވެ." ފަހަރެއްގައި މިކަން ކާމިޔާބުވީ ކެއްކުމާއި ކެއުމަށް މި އާއިލާގެ ތެރޭގައި އޮތް ފޯރިއެއްގެ ބޮޑުކަމުންނެވެ.

"އެންމެ ކުޑައިރުއްސުރެން ފެށިގެން ވެސް ނިކަން ޝައުގުހުންނަ ދާއިރާއެއް ކެއްކުމުގެ ދާއިރާ އަކީ،" އިސްމާއީލް ބުންޏެވެ.

ރިހިވެލި އައިލެންޑް ރިސޯޓްގެ ބަދިގޭގެ އެންމެ ދަށް ވަޒީފާ އަށް ނުކުތް އިސްމާއީލް ބުނީ ޝެފަކަށް ވުމަށް އޭނާގެ ހިތް ފޮޅުނީ އެ ބަދިގެ ތެރެއިން ފެނުނު އާދަޔާހިލާފު ޝެފުން ތައްޔާރުކުރަމުން ދިޔަ މޮޅެތި އަދި މީރު ޑިޝްތައް ފެނިގެންނެވެ. އެހިސާބުން އޭނާ ނައްޓާލީ ކައްކާ ކޯހަކަށެވެ. 

ޝެފެއްގެ ގޮތުގައި މިހާރު 12 އަހަރު ވީ އެވެ. އާއިލާގެ އެހެން މެމްބަރުން ބުނާ ގޮތުން ނަމަ "މިސްޓަ ބްރެޑް" ގެ މައި ސިކުނޑި އަކީ އޭނާ އެވެ.

"މި ވިޔަފާރި އަޅުގަނޑުމެން ފެށީ އެއް ކިލޯގެ ފުށް ގަނެގެން 10 ޕާނުން. އޭރު އަޅުގަނޑުމެން ތިން މީހުންގެ މުސާރަކޮޅު އެއްކޮށްލައިގެން ގަނެވުނީ ގާތްގަނޑަކަށް 10 ޕާން ފިހޭ ވަރުގެ އަވަނެއް،" ހުސެއިން ކިޔައިދިނެވެ.

"މިހާރު އަޅުގަނޑުމެންގެ މުޅި ހުޅުމާލެ އަށް ޕާން ފޯރުކޮށްދީފައި މާލޭގެ ތިންބައިކުޅަ ދެ ބަޔަށް ވެސް ޕާން ފޯރުކޮށްދެން. ހުޅުމާލޭގައި ނުހުންނާނެ މިސްޓަ ބްރެޑް ގަންނަން ނުލިބޭ ފިހާރައެއް"

"ރިސޯޓްތަކާއި ސަފާރީ އާއި ރަށްތަކަށް ވެސް އަޅުގަނޑުމެން މިހާރު ސަޕްލައިކުރަން."

"މި ޕާން ހަދަނީ ވެސް ސީދާ އަޅުގަނޑުމެން. އޭގެ ކޮލިޓީ ބަލަނީ ވެސް ސީދާ އަޅުގަނޑުމެން. ވިއްކަން ތިބެނީ ވެސް އަޅުގަނޑުމެން. އެއީކަން ނޭނގެ އެހެން ބްރެޑްތަކާ އަޅާބަލާއިރު މިސްޓަ ބްރެޑްސްގެ ތަފާތަކީ،" އިސްމާއީލް ބުނީ މިހެންނެވެ.

އޭނާ ބުނީ އަމިއްލަ އަށް ރެސިޕީ ތައްޔާރުކުރިޔަސް އާއިލާގެ އެންމެންގެ ރުހުން ނުލިބެނީސް އެމީހުންގެ އެއްވެސް ޕްރޮޑަކްޓެއް ވިއްކަން ނުނެރޭ ކަމަށެވެ.

"އެގޮތުން ޕާން ވިއްކަން ފެށުމުގެ ކުރިން ވެސް ޓެސްޓްކުރަން އަޅުގަނޑުމެން ފިހިން 900އެއްހާ ޕާން. އެއީ އެކި މީހުންނަށް ރަހަ ދައްކައިގެން އެންމެ ރަނގަޅު ރެސިޕީ ދެނެގަތުމަށް. ކަމުދާ ވަރުގެ ރަހައެއްގެ ރެސިޕީއެއް އަތުޖެހެން ދެން ރެސިޕީ ބަދަލުކޮށްގެން އަލުން ފުށްގަނޑު މޮޑެމުން ފާން ފިހެމުން ދިޔައީ،" އިސްމާއީލް ކިޔައިދިނެވެ.

"މިހާރު ވެސް ހަ މަހުން ހަ މަހަށް ރަހައިގެ ކޮލިޓީ ވަރުގަދަކުރުމުގެ ޓެސްޓްތައްކޮށް އާންމުންގެ ހިޔާލު ހޯދަން އަޅުގަނޑުމެން."

މިސްޓަ ބްރެޑްގެ ތިން ބެއިން ބުނަނީ އެމީހުންގެ އާއިލާ ކޮޅަށް ޖަހަން ފެށި ވިޔަފާރި އެންމެފަހުން ކޮޅަށް ޖެހިފައިވިޔަސް ފުރަތަމަ ދެ އަހަރު އެމީހުންގެ ޖީބަށް އެކައްޗެއް ވެސް ނުވަންނަ ކަމަށެވެ.

"ވިޔަފާރި ފަށައިގެން ފުރަތަމަ ދެ އަހަރު މިކަން އަޅުގަނޑުމެން ކުރީ ހަގީގަތުގައި ހުޅުމާލޭގެ އާންމުންނަށް ދިން ހިދުމަތެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ޖީބަކަށް ނުވަދޭ ހަމަ އެކައްޗެއް ވެސް. ލިބުނު ހުރިހައި ލާރިއެއް ދިޔައީ ޚަރަދަށް،" އިސްމާއީލް ބުންޏެވެ.

"އެކަމަކު އޭރު ވެސް އެނގޭ ފަހުން މީގެ ފައިދާ ފެންނާނެކަން. މީހުން މި ޕާން ކާނެކަން. ގާމެންޓްހެން ބޭނުންނުކޮށް ބާކީވެގެން ނުދާނެކަން. އެ އަޒުމުގައި މިހާރު ވެސް މި ތިބީ."

"ގިނަ މީހުން ގަބޫލުކުރަނީ ވިޔަފާރި އަކީ އަސްލު ވަރަށް ބައިވަރު ލާރި އަތުގައި ހުރެގެން ކުރެވޭ ކަމެއް ކަމަށް. އެކަމަކު އަތުގައި މާ ގިނަ ފައިސާއެއް ނެތަސް ވިޔަފާރިއެއް ފެށިދާނެ. ހިތްވަރެއް ހުރެއްޖެ ނަމަ ވިޔަފާރިއެއް ފަށައިގެން ސަލާމަތްވެވިދާނެ އަތުގައި ލާރި ނެތަސް."

ޔަގީނަށް ވެސް "މިސްޓަ ބްރެޑް" ގެ ތިން ބެއިންގެ ހިތްވަރަކީ އޭގެ މިސާލެކެވެ.

"ދިހަ ވަރަކަށް ޕާން ފިހެގެން އާދައިގެ ކޮތަޅުތަކަށް އަޅައިގެން ކޮނޑުގައި އަޅުވައިގެންނާއި ބާސްކެޓްތަކަށް ލައިގެން އަދި ސައިކަލުގައި އެލުވައިގެން ޕާން ވިއްކަން ނުކުތީ ވެސް އަޅުގަނޑުމެން އެކަނި. ދަންވަރެއް ހެނދުނެއް ފަތިހަކަށް ނުބަލަން އަހަރެމެންނެއް،" ހުސެން ބުންޏެވެ.

"މިހާރު ވެސް ފެކްޓަރީގައި މޮހަރެއް ޖެހިޔަސް، ތަނެއް ސާފުކުރިޔަސް އެކަމުގައި އިސްކޮށް މި އުޅެނީ އާއިލާގެ ހަތް މެމްބަރުން."