ހަބަރު

ޝަހީމް ޕިޕީއެމްއިން ވަކިވެ، ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަަވަނީ

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ވާދަ ކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕީޕީއެމްއިން ވަކިވެވަޑައިގެން ސިޔާސީ މަސައްކަތާއި ދުރަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އެމަނިކުފާނު ވަނީ މިދިޔަ ހަފްތާގައި ޕީޕީއެމް އިން ވަކިވެވަޑައިގެންފައި ކަމަށާއި، މިވަގުތު އެއްވެސް ސިޔާސީ ޕާޓީއަކާއެކު މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ދެ ދުވަހެއް ތެރޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއަައިސީ) އިން ލިބިވަޑައިގެންފައިވާ މަގާމުގެ މަސްސޫލިއްޔަތާއި ހަވާލުވުމަށް ފުރާ ވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޑރ. ޝަހީމްގެ ގާތް ބޭފުޅެއް ކަމަށްވާ މުހައްމަދު ދީދީ އުފައްދަން މަސައްކަތް ކުރަމުން އަންނަ ނޭޝަނަލް ރިފޯމް ޕާޓީއަށް ވަނުމުގެ ދައުވަތު ޝަހީމްއަށް ލިބިވަޑައިގެންފައިވާ ކަަމަށާއި، އެކަމާވެސް ވިސްނަވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ޝަހީމް ވިދާޅުވީ، އޯއައިސީގެ މަތީ މަގާމަކަށް ވަޑައިގަންނަވަނީ ރާއްޖެއަށް އެހީތެރިކަން ހޯދައިދޭން ކަމަށާއި، ރައްޔިތުންނަށް ހިދުމަތްކުރުމަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުން ބަލިވިކަމުގައިވީނަމަވެސް މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށް ޝަހީމް ވިދާޅުވިއެވެ.

އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވާ ޑރ. ޝަހީމް އެތަނުގައި ބޮޑަށް ކުރައްވާނީ އިސްލާމީ ކަންތައްތަކާއި ބެހޭ ކަންކަން ކަމަށާއި، އެގޮތުން ގުޅުން ބަދަހިކުރުމާއި ޓެރަރިޒަމް އާއި ދެކޮޅަށް މަސައްކަތް ކުރުން ފަދަ ކަންކަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.