ބޮލީވުޑް

ބަންސާލީގެ އާ ފިލްމުގައި، ދީޕިކާތަ އާލިއާތަ؟

ސަންޖޭ ލީލާ ބަންސާލީ އަކީ ބޮލީވުޑްގައި މޮޅު ފިލްމުތައް އުފައްދާ މީހެކެވެ. އޭނާގެ ގިނަ ފިލްމުތައް ބްލޮކްބަސްޓާގައި އެންމެ ކުރިން އަބަދުވެސް ޖާގަ ހޯދަ އެވެ. އަދި ބަންސާލީ ފިލްމެއްގައި އޭނާ އެންމެ އިސްކަންދޭ ބަތަލާ، ދީޕިކާ ނުހިމެނި ދަނީ ވަރަށް މަދު ފަހަރަކު އެވެ.

ދީޕިކާ ޕަޑުކޯން މި ދާއިރާގައި ވިދާލީވެސް ބަންސާލީގެ ފިލްމުތަކުން ކަމަށް ބުނެވި ދާނެ އެވެ. ދީޕިކާ އެންމެފަހުން ކުޅުނު ފިލްމު "ޕަދްމާވަތު" ގައި އޭނާގެ އެކްޓިންއަށް ގޮންޖަހާލާ ވާދަ ކުރީ އާލިއާ ބަޓް އެވެ. ފިލްމު "ރާޒީ"ގައި އާލިއާ ދެއްކި އެކްޓިން، ދީޕިކާގެ "ޕަދްމާވަތު" އަށް ވުރެ އެތައް ގޮތަކުން މޮޅުކަމަށް ފާޑުކިޔުންތެރިން ބުންޏެވެ. އަދި މި ވާދަވެރިކަން އިތުރު ކޮށްލަނީ މި އަހަރު ސަންޖޭ ލީލާ ބަންސާލީ އުފައްދަން ހަމަޖެހިފައިވާ ފިލްމުގެ ބަތަލާ ހޮވާނެ ހިސާބުންނެވެ.

ސަންޖޭ ލީލާ ބަންސާލީ ވަނީ ދީޕިކާ އާއެކު ޖެހިޖެހިގެން ތިން ފިލްމުގައި މަސައްކަތްކޮށް ރަން ވަނަތަކެއްވެސް ހޯދާފަ އެވެ. "ރާމް ލީލާ"، ބަޖިރާއޯ މަސްތާނީ" އަދި "ޕަދްމާވަތު" އަކީ ދީޕިކާގެ ފަހުގެ އެންމެ ކާމިޔާބު ތިން ފިލްމެވެ. އަދި، މި ފިލްމުތަކަށްފަހު ދީޕިކާ އަކީ ބަންސާލީގެ "ގުޑްލަކް ޗާމް" އަށް ވެ، މިއަހަރު ނެރޭ ފިލްމުގައިވެސް ޖާގަ ދޭނީ ދީޕިކާ އަށް ކަމާމެދު ބެލުންތެރިން ދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިއާގެގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ބަންސާލީ ދެން އެންމެ އަވަހަށް އުފައްދާ ފިލްމުގެ ލީޑް ރޯލު ދޭނީ އާލިއާ އަށް ކަމަށެވެ. އަދި، ރަންވީރު-ދީޕިކާގެ ޖޯޑު ތިން ފިލްމުގައި ޖެހިޖެހިގެން ފެނުމަށްފަހު ބަދަލެއް އައުން އެކަށީގެންވާކަމަށް ބުނެ އެވެ. އެހެންނަމަވެސް، ދީޕިކާ އަކީ އަދިވެސް ބަންސާލީގެ އެންމެ ފޭވަރިޓް އެވެ.