ވިޔަފާރި

ހުޅުމާލެ ޔޫއައި ހޮޓެލްއިން އެއްފަަހަރު ބޭނުންކުރާ ޕްލާޓިކް ހުއްޓާލައިފި

Jan 9, 2019
1

ހުޅުމާލޭގައި ހިންގާ ޔޫއައި ހޮޓެލްގެ ވިޔަފާރިތަކުން އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް ހުއްޓާލައި، ތިމާވެއްޓާ ރަހުމަތްތެރި މަގު އިހުތިޔާރު ކޮށްފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓްތަކުގައި އެ ކުންފުންޏާ ހަވާލާދީ ބުނެފައިވާ ގޮތުން މި ބަދަލާއެކު އެތަނަށް އަންނަ މީހުންނަށް ޕްލާސްޓިކް ފުޅީގެ ފެން ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

ޔޫއައި ހޮޓެލްސްގެ މެނޭޖިން ޑިރެކްޓަރު މޫސާ ނާސިހު ވިދާޅުވި ގޮތުގައި މި ބަދަލާއެކު ފްލާސްޓިކް ފުޅީގެ އިތުރުން ޖޫސް ބޯން ބޭނުންކުރާ ޕްލާސްޓިކް ޖޫސް ހޮޅިއާއި ޕްލާސްޓިކް ކޮތަޅު ވެސް އެ ހޮޓަލުން ރެސްޓޯރެންޓް ތަކުން ބޭނުން ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ މިތަނަށް އަންނަ ޓޫރިސްޓު މީހާއަށް ތިމާވެއްޓާއި ރަހުމަތްތެރި މާހައުލެއް ދިނުން. އެކަމަށް މި މަސައްކަތް ކުރަނީ،" ނާސިހު ވިދާޅުވި އެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ޔޫއައި ހޮޓެލްސްއިން ހުއްޓާލިއިރު، ސަރުކާރުގެ ގިނަ ވުޒާރާ ތަކަކުންވެސް ދަނީ މި ބަދަލު ގެންނަމުންނެވެ. އަދި އެކަމަށް ބާރު އަޅަން "ސިންގަލް ޔޫސް ޕްލާސްޓިކް ބޭންކް" ކެމްޕޭނެއްވެސް ވަނީ ފަށާފަ އެވެ.