ދުނިޔެ

ޑްރޯންއެއް ފެނިގެން ހީތުރޯ އެއާޕޯޓުވެސް ހުއްޓުމަކަށް

Jan 9, 2019

ލަންޑަން (ޖެނުއަރީ 8) - އިނިގިރޭސި ވިލާތުގެ ހީތުރޯ އެއާޕޯޓު ކައިރިން ޑްރޯނެއް ފެނިގެން، ފްލައިޓުތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު މައްސަލަ ފުލުހުންނާއި ސިފައިން ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުރިހަމަ ޖިނާއި ތަހުގީގެއް ފަށާފައިވާކަމަށް އިނގިރޭސި ފުލުހުން ބުނެފައިވާއިރު، ޑްރޯން ފެނިގެން، ހުޅަނގު ލަންޑަނުގައި އޮންނަ މުޅި ދުނިޔޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓުން ފުރާ ފްލައިޓުތައް ގާތްގަނޑަކަށް އެއްގަޑިއިރަށް ހުއްޓާލަން ޖެހުނެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ، ޑްރޯންތަކެއް އުދުއްސުމުގެ ސަބަބުން ގެޓްވިކް އެއާޕޯޓް ބަންދު ކުރަންޖެހުނުތާ އެއް މަސް ދުވަސް ފަހުންނެވެ.

ސަލަމާތީ ސަބަބުތަކަށްޓަކައި ގެޓްވިކް އެއާޕޯޓު ރަންވޭ ބަންދުކުރުމުން، 140،000 އަށް ވުރެ ގިނަ މީހުންނަށް ނުފުރި ތާށިވި އެވެ.

އެކަމުގައި އަސަރުކުރި ފަސަންޖަރުންގެ ކިބައިން ހީތުރޯ އެއާޕޯޓުން ވަނީ މައާފަށް އެދިފަ އެވެ.

ފުލުހުން މިހާރު ދަނީ އެއާޕޯޓު ސަރަހައްދު ބަލާ ފާސްކުރަމުންނެވެ. އަދި ސިފައިން ދަނީ ހާއްސަ އާލަތްތަކެއް ބޭނުންކޮށްގެން ފުލުހުންނަށް އެހީތެރިވަމުންކަމަށް، އިނގިރޭސި ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 19 އިން 21 އަށް ގެޓްވިކް އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން، ގާތްގަނޑަކަށް 1،000 ފްލައިޓް ވަނީ ކެންސަލް ކުރަންޖެހިފަ އެވެ.