ވިޔަފާރި

ރިސޯޓު ހަދަން ފައިސާ ހޯދަން އެސްބީއައިއާ މަޝްވަރާކޮށްފި

ނުހެދި ހުރި ރިސޯޓުތައް ހަދަން ބޭނުންވާ ފައިސާ ހޯދަން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައިއާ) މަޝްވަރާ ކޮށްފި އެވެ.

އެސްބީއައިއާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިންނާއި އެސްބީއައި މޯލްޑިވްސްގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.

އެސްބީއައިއާއެކު މަޝްވަރާ ކުރިއަށް ގެންގޮސްފައިވާއިރު، އިންޑިއާއިން ވަނީ ރާއްޖެއަށް މާލީ ގޮތުން ހާއްސަ އެހީތަކެއް ދޭން ނިންމާފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ 1.4 ބިލިއަން ޑޮލަރު ލޯނެއް ދޭން ނިންމާފަ އެވެ. މިގެތެރޭގައި ކްރެޑިޓް ފެސިޓީތައްވެސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 140 ރިސޯޓް ހިންގަމުންދެ އެވެ. މީގެތެރޭގައި ހިމެނެނީ 12 ހޮޓަލެވެ. އަދި 508 ގެސްޓްހައުސް އެވެ. އަދި 148 ސަފާރީ ހިމެނެ އެވެ. ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލް ހިމެނެ އެވެ.