ހަބަރު

"ތޮއްޖެހިގެނެއް ދެން ނޫޅެވޭނެ"

Jan 9, 2019
10

ތޮއްޖެހިގެން ދިރިއުޅުމަކީ މިއަދުގެ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށާއި ތޮއްޖެހިގެން ދެން ނޫޅެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ފާތިމަތު އިޝާން އަލީގެ ކެމްޕޭން ފަށަން މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ މާލެ ފޮތިފޮތިކޮށްކޮށް މިހާރު 100 އަކަފޫޓުގައި ފަސް ހަ ގޭބިސީ އޮންނަ ކަމަށާއި ތޮއްޖެހިގެން އެ އުޅޭ އުޅުން އެއީ އެއްވެސް ހާލެއްގައި ދިވެހިންނަށް ހައްގު މިންވަރު ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ނިކަމެތި ގައުމެއް ނޫން ކަމަށާއި ރާއްޖޭގެ ޖީޑީޕީ މިއަދު ހުރީ ފަސް ބިލިއަން ޑޮލަރުގައި ކަމަށެވެ. ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް އަހަރެއްގެ މައްޗަށް 12000 ޑޮލަރު ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ މިއަދު ހުރީ ފަސް ބިލިއަން ޑޮލަރުގައި. އެއީ 77 ބިލިއަން ރުފިޔާ. ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް އަހަރެއްގެ މައްޗަށް 12000 ޑޮލަރު އެބަ ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.