ހަބަރު

އެއްވެސް ބަޔަކާ ދެކޮޅެއް ނުވާނަން: ރިފޯމް ޕާޓީ

އެއްވެސް ބަޔަކާ ދެކޮޅެއް ނުވާނެ ކަމަށާއި ޕާޓީން ކުރާނީ އިސްލާހީ މަސައްކަތްތައް ކަމަށް ނޭޝަނަލް ރިފޯމް ޕާޓީ (އެންއާރްޕީ) އިން ބުނެފި އެވެ.

ރިފޯމް ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީ އުފެއްދެވި ޝައިހު މުހައްމަދު ދީދީ ވިދާޅުވީ ރިފޯމް ޕާޓީ އުފެއްދެވީ އަންމު ގިނަ ރައްޔިތުންތަކަކާއި އިލްމީ އަދި އިސް ބޭބޭފުޅުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. ރާއްޖޭގައި އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަން ހުރި ކަމަށް އެ ބޭފުޅުންނަށް ވެސް ގަބޫލު ކުރެވޭ ކަމަށާއި ރިފޯމް ޕާޓީ އުފެއްދެވީ އެ މަގްސަދުގައި ކަމަށް ދީދީ ވިދާޅުވި އެވެ.

ރާއްޖޭގެ ހަމަޖެހުމަށް ލޮޅުން އަރާފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި ދައުލަަތަށް އެއްވެސް އުނިކަމެއް އަންނަ ހަރަކާތެއްގައި ބައިވެރިއެއް ނުވާނެ ކަމަށް ދީދީ ވިދާޅުވި އެވެ. އަދި ރިފޯމް ޕާޓީ އިސްލާހީ މަސައްކަތްތައް ކުރިޔަސް އެއްވެސް ބަޔަކާ އިދިކޮޅެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިސްލާހީ މަސައްކަތް ކުރުމުގެ މާނައަކީ ބަޔަކާ އިދިކޮޅަށް މަސައްކަތް ކުރުމެއް ނޫން، އިދިކޮޅުވީމަ ވާގޮތް އަޅުގަނޑުމެންނަށް ފެނިފަ ވާނީ، ބަޔަކާ އިދިކޮޅުވެއްޖެއާ އިސްލާހެއް ނުކުރެވޭނެ ދެއްތޯ، އޭރުން އިސްލާހުގެ ބަދަލުގައި އިދިކޮޅަށް ކަންތައްތައް ވެގެން ދާނީ، އެހެންވެ އަޅުގަނޑުމެންނަކީ އިދިކޮޅު ވާނެ ބައެއް ނޫން، އިދިކޮޅަކަށް ނޫން ޕާޓީ މި އުފައްދަނީ،" ދީދީ ވިދާޅުވި އެވެ.

ރިފޯމް ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމަަށް ރާއްޖޭގެ އެކި ކަންކޮޅުގައި ޕާޓީއަށް މީހުން ވެއްދުމަށް ފޯމުގައި ސޮއި ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ކަމަށް ދީދީ ވިދާޅުވި އެވެ. ޕާޓީ ރަޖިސްޓްރީވާ ހިސާބުން ހަރަކާތްތައް ފަށާނެ ކަމަށާއި ނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާކަށް ވިސްނާފައި ނުވާނެ ކަމަށް ދީދީ ވިދާޅުވި އެވެ.

ދީދީއަކީ އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ، ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ނަަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ މަސައްކަތް ކުރެއްވީ އަދާލަތު ޕާޓީއާ އިދިކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފަހަތްޕުޅުގަ އެވެ.

ޝަހީމް ރިފޯމް ޕާޓީއާ ގުޅިވަޑައިގަންނަވާނެތޯ ސުވާލު ކުރެއްވުމުން ދީދީ ވިދާޅުވީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން ވެސް ޝަހީމްއާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް ދައުވަތު ވެސް ދެއްވާފައިވާ ކަމަށް ދީދީ ވިދާޅުވި އެވެ.

ރިފޯމް ޕާޓީއަކީ ދެވަނަ އަދާލަތު ޕާޓީއެއް ނުވަތަ އެހެން އެއްވެސް ޕާޓީއަކާ އަޅާ ކިޔޭނެ ޕާޓީއެއް ވެސް ނޫން ކަމަށް ދީދީ ވިދާޅުވި އެވެ. ރައްޔިތުންގެ މެދުގައި މަގުބޫލުކަން ލިބި، ގިނަ ބަޔަކު ތާއީދު ކުރާ އިސްލާހީ މަސައްކަތް ކުރާ ޕާޓީއަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.