ހަބަރު

މި މަހު 26ގެ ކުރިން ޕްރައިމަރީތައް ބާއްވަން ޖެހޭނެ: އީސީ

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޕާޓީތަކުން ބާއްވާ ޕްރައިމަރީތައް މި މަހު 26ގެ ކުރިން ނިންމަން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބޭއްވުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އަންނަނީ އެމްޑީޕީ އެކަނި ކަމަށެވެ. ނަމަވެސް މި މަހު 28 ގައި މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށާއި އެހެންކަމުން 26 ގެ ކުރިން ހުރިހާ ޕާޓީތަކުން ވެސް ޕްރައިމަރީތައް ބާއްވާ ނިންމަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާނެ ހުރިހާ ސިޔާސީ ޕާޓީތަކަށް ސިޓީ ފޮނުވާފައި 26 ޖެނުއަރީގެ ކުރިން ޕްރައިމަރީގެ މަސައްކަތް ނިންމާ އަދި ޕްރައިމަރީގެ ނަތީޖާ އަޅުގަނޑުމެންނަށް އަންގަން،" ޝަރީފް ވިދާޅުވި އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ޕާޓީއެއްގެ ޕްރައިމަރީއެއްގައި ބައިވެރިވެ އޭގެން ކާމިޔާބު ނުވެއްޖެނަމަ އިންތިހާބުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިއެއް ނުވެވޭނެ އެވެ.

ޝަރީފް ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުގައި އެ ގާނޫނަށް ޕާޓީއިން އަމަލު ކުރާ މިންވަރު ކައިރިން ބަލަމުންދާނެ ކަމަށެވެ. އަދި ޕާޓީގެ ޕްރައިމަރީއިން ބަލިވާ ފަރާތެއް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ ކަމަށެވެ.