ހަބަރު

ޕީއެންސީއަށް ވަގަށް މީހުން ވައްދާ ކަމަށް ބުނާ މައްސަލައެއް ބަލަނީ

Jan 10, 2019
15

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަހަތުގައި ހުންނަވައިގެން އުފައްދާފައިވާ ޕީޕަލްސް ކޮންގްރަސް ޕާޓީ (ޕީއެންސީ) އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް (އީސީ)އަށް ފޯމްތައް ހުށަހެޅުމާއެކު އެ ކޮމިޝަނަށް ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް އީސީ އިން ބުނެފި އެވެ.

އީސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޮންގްރަސް ޕާޓީގެ ފަރާތުން 4000 ފޯމް އީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމްތައް ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކޮންގްރަސް ޕާޓީގެ ފޯމްތަކާ ގުޅިގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕީއެންސީގެ ފޯމްތައް ހުށަހެޅުމާއެކުގައި ވަރަށް ބައިވަރު ފޯނުކޯލާއި ވަރަށް ބައިވަރު ޝަކުވާތައް ލިޔުމުގެ ޒަރިއްޔާއިންނާއި އެހެން ގޮތް ގޮތަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅެމުން އެބަދޭ، ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ބޭފުޅުންގެ ހުއްދައެއް އަދި ކޮންސަލްޓު ކުރުމެއް ނެތި އެ ބޭފުޅުންގެ ނަމުގައި ފޯމް ފުރާފައިވާ ކަމަށް ތިމަންނަގެ ނަން ފޯމްތަކުގައި އޮތްތޯ ޗެކްކޮށްލަދޭން އެބަ ބުނޭ،" ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ޕާޓީތައް އުފެއްދުމަށް ހުށަހަޅާއިރު އެފަދަ ޝަކުވާއެއް ލިބިފައި ނުވާ ކަމަށާއި ސައްހަކަން ކަށަވަރު ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ކޮންގްރަސް ޕާޓީގެ ފޯމްތަކުގެ ޝަކުވާ ލިބުމާ ގުޅިގެން އެ މައްސަލަތައް އިތުރަށް ބަލަން ޖެހޭނެ ކަމަށް ޝަރީފް ވިދާާޅުވި އެވެ.

ޕީއެންސީ އުފައްދަން ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްްދުއްރަހީމް އަބްދުﷲ އެވެ. އޭނާއަކީ އީސީގެ މެންބަރުން ބަދަލު ކުރަން ޖެހޭ ކަމަށް ކުރިން ގޮވާލަމުން ގެންދެވި ބޭފުޅެކެވެ.