ބޮލީވުޑް

ފަސް އަހަރަށްފަހު އަމްރިތާ ރާއޯ ބޮލީވުޑަށް

ބަތަލާ އަމްރިތާ ރާއޯ އެންމެ ފަހުން ސްކްރީނުން ފެނުނީ، 2013 ގައި ރިލީޒް ކުރި ފިލްމު "ސަތްޔަގްރަހާ" އިންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ދާއިރާ އާ ދުރުގައި އުޅުމަށްފަހު ފަސް އަހަރު ފަހުން އެނބުރި އަންނަނީ ވަރުގަދަ ފިލްމަކުންނެވެ.

އިންޑިއާގެ ސިޔާސީ ޕާޓީ ޝިވްސޭނާގެ ފައުންޑަރ ބާލާސާހެބް ތާކެރޭ ނުވަތަ ބާލް ތާކެރޭގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ފިލްމު "ތާކްރޭ" އިން އަމްރިތާ ފެންނާނީ ތާކްރޭގެ އަންހެނުން މީނާ ތާކްރޭގެ ރޯލުންނެވެ. އަމްރިތާ އަކީ ތާކްރޭ އާއިލާ އަށް ނިސްބަތްވާ ހިސާބެއްގައި އުޅެ ބޮޑުވި މީހެއް ކަމުން މި ފިލްމުން ތާކްރޭގެ އަންހެނުންގެ ރޯލު ކުޅެން ލިބުމުން އުފާކުރާ ކަމަށް ބުންޏެވެ. އަދި މީނާތާއީ (ތާކްރޭގެ އަންހެނުން) މަރުވި ދުވަހު ސްކޫލްތަކާ އޮފީސްތައް ބަނދުކޮށް މުޅި މުމްބާއީ ހިތާމަ ފާޅުކުރި ހަނދާން މިހާރުވެސް އެބަހުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ބާލް ތާކެރޭ އަކީ މުސްލިމުންނާއި ދެކޮޅަށް އަނިޔާވެރިވުމަށް މަސައްކަތް ކުރި މީހެއް ކަމަށާޢި އޭރުގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައްކޮށް އިންޑިއާގައި ހަމަނުޖެހުންތައް ހިންގި މީހެއްގެ ގޮތުގައި މަޝްހޫރުވީ ސިޔާސީ ލީޑަރެކެވެ. މި ފިލްމުގައި ތާކްރޭގެ ރޯލުން ފެންނާނީ ނަވަޒުއްދީން ސިއްދީގީ އެވެ.

މި މަހު 25ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ސަންޖޭ ރާއުޓް ޕްރޮޑިއުސްކޮށް އަބިޖީތް ޕާންސޭ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.