ދުނިޔެ

ރޭޕްގެ ތުހުމަތުކުރެވޭ ރޮނާލްޑޯގެ ޑީއެންއޭ ހޯދަނީ

Jan 11, 2019

ލާސް ވޭގަސް (ޖެނުއަރީ 11) - އެމެރިކާގެ ލާސް ވޭގަސްގައި އަންހެނަކު ރޭޕުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޑީއެންއޭ ހޯދަން ފުލުހުން އަމުރެއް ނެރެފި އެވެ.

އިޓަލީގެ ޖުވެންޓަސްއަށް މިހާރު ކުޅެމުންދާ 33 އަހަރުގެ ރޮނާލްޑޯ، ލާސް ވޭގަސްގެ ހޮޓަލެއްގެ ތެރޭގައި އަންހެނެއް ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވުނީ 2009 ވަނަ އަހަރު އެވެ.

އެ ތުހުމަތުތައް ރޮނާލްޑޯ ވަނީ ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. ނަމަވެސް، ކޯޓުން ބޭރުން މައްސަލަ ހައްލުކުރަން، 375،000 އެމެރިކާ ޑޮލަރު އެ އަންހެން މީހާއަށް ރޮނާލްޑޯގެ ފަރާތުން ދީފައިވާކަމަށް ޖަރުމަނުގެ މަޖައްލާއަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ފައިސާ ދިން ކަމަށް ފަހުން ރޮނާލްޑޯގެ ވަކީލު އެއްބަސްވި ނަމަވެސް، އެއީ ރޮނާލްޑޯ އެ ކުށަށް އިއުތިރާފުވިކަމަށް ބެލޭނެކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

މިދިޔަ ޖުލައި މަހު ރިއަލް މެޑްރިޑް ދޫކޮށް 99.2 މިލިއަން ޕައުންޑަށް ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯ ވަނީ ފަސް ފަހަރަށް ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ "ބެލަންޑޯ" ކާމިޔާބުކޮށްފަ އެވެ.

އަދި މިދިޔަ އޮކްޓޯބަރު މަހު ރޮނާލްޑޯ ވަނީ ޓްވިޓާ މެދުވެރިކޮށް ރޭޕް ކުރި ކަމުގެ ތުހުމަތުތައް ދޮގުކޮށް، އެއީ "ފޭކު ހަބަރެއް" ކަމަށް ބުނެފަ އެވެ.