ރަންބީިރު ކަޕޫރު އާއި އާލިއާ ބަޓްގެ އެންގޭޖްމެންޓް މި އަހަރު ޖޫންގައި އޮންނާނެ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނަން ފަށައިފި އެވެ.
ސޯނަމް ކަޕޫރު އާއި އާނަންދު އަހޫޖާގެ ކައިވެނި ހަފްލާއިން މުޅި ބޮލީވުޑް ސިއްސުވާލަމުން އެކުގައި ފެނުނު ރަންބީރު އާއި އާލިއާ މިހާރު އުޅެނީ ވަރަށް ފާޅުގަ އެވެ. މީގެ ދެ ހަފްތާ ކުރިން މި ދެ ތަރިން ވަނީ ރަންބީރުގެ އާއިލާއާއެކު އާ އަހަރު ފާހަގަ ކުރުމަށް ނިއުޔޯކަަށްވެސް ގޮސްފަ އެވެ. އަދި، ރަންބީރުގެ މަންމަ ނީޓޫ ސިންގް ވަނީ އާލިއާ އާއެކު ނަގާފައިވާ ފޮޓޯތައްވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފަ އެވެ.
އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި މިދެތަރިންގެ ގުޅުމަށް އެންމެ ބާރު އަޅަނީ ރަންބީރުގެ މަންމަ ނީޓޫ އެވެ. މި ދެތަރިން އެންގޭޖް ވުމަށްވެސް އެންމެ ބޭނުންވަނީ ނީޓޫ ކަމަށް ބެލެވެ އެވެ.
އިންޑިއާގެ ނޫސް "ފިލްމްފެއާ" އިން ބުނި ގޮތުގައި، ރަންބީރު އާއި އާލިއާ އެންގޭޖް ވާނީ ދެމީހުންގެ ފިލްމު "ބްރަމަސްތުރާ"ގެ ރިލީޒްއަށް ފަހު އެވެ. އަދިި އެންގޭޖް ވާނެ ކަމުގެ ހަބަރުތައް ފެތުރެން ފެށީ ރަންބީރުގެ ދައްތަ މި ދެތަރިންނަށް ދިން ރަން އަނގޮއްޓީގެ ފަހުންނެވެ. ދެ ތަރިންނަށް ހަދިޔާ ކުރި އަނގޮއްޓީގައިި ވަނީ "އޭ-އާރް" ޖަހާފަ އެވެ. ރަންބީރުގެ ދައްތަގެ އިތުރުން އާއިލާގެ އެންމެންވެސް އާލިއާއަށް އެއްބަސް ކަމަށް ފޮޓޯތަކުން އެނގެ އެވެ.
އާލިއާ އާއި ރަންބީރު އެކުގައި ކުޅެފައިވާ ފިލްމު "ބްރަމަސްތުރާ" އަށް ފަހު އެންގޭޖް ކުރެވޭނެ ކަމަށް ބެލެވޭ އިރު އަދި މި ހަބަރުތަކާ ބެހޭ ގޮތުން ދެތަރިން ވެސް އެއްޗެއް ނުބުނެ އެވެ.
ރަންބީރު މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ކެޓްރީނާ ކެއިފްއާ އެވެ. ކެޓްރީނާގެ ކުރިން އުޅުނީ ދީޕިކާ ޕަޑުކޯން އާއެކު އެވެ. ދީޕިކާ ވަނީ މިދިޔަ އަހަރު އެކްޓަރު ރަންވީރު ސިންގް އާ ކައިވެނި ކޮށްފަ އެވެ. "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން މަޝްހޫރުވި އާލިއާ އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އެ ފިލްމުގައި އުޅުނު ސިދާތު މަލޯތުރާއާ އެވެ.