ދުނިޔެ

ރޯހިންޔާ ގަތުލު އާންމު ރިޕޯޓްކުރި ދެ ނޫސްވެރިންގެ އިސްތިއުނާފު ބޭރުކޮށްލައިފި

Jan 13, 2019

މިޔަންމާގެ ރާޚައިން ސްޓޭޓުގައި ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ އެގައުމުގެ ސިފައިން 2017 ގައި ފެށި އޮޕަރޭޝަނުގައި ހިންގި ގަތުލު އާންމު ރިޕޯޓްކުރި ދެ ނޫސްވެރިއެއްގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައިނުގަނެ މިޔަންމާގެ ކޯޓަކުން ބޭރުކޮށްލައިފި އެވެ.

ދައުލަތުގެ ސިއްރުތައް ގާނޫނާއި ހިލާފަށް ހޯދިކަމުގެ ތުހުމަތުގައި ރޮއިޓާސްގެ ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ހަތް އަހަރަށް ޖަލަށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މިޔަންމާ ސިފައިން ބުނެފައި ވަނީ އެމީހުން ހަރަކާތްތެެރިވީ ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށާއި ފާޅުކަން ބޮޑު ގޮތެއްގައި ހެއްކާ އެކު ފެންނަން ހުރި ޖަރީމާތައް ހިންގި ކަމަކަށް ވެސް އެމީހުން އެއްބަހެއް ނުވެ އެވެ.

ނަމަވެސް ނޫސް އެޖެންސީތަކާއި އދ. ގެ އެޖެންސީތަކުން ބުނެފައި ވަނީ މިޔަންމާ ސިފައިން ރޯހިންޔާ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ގިނަ ޖަރީމާތަކެއް ހިންގައި ނަސްލު ނައްތައިލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ހިންގި ޖަރީމާތަކުގެ ތެރޭގައި ވަކި އުމުރަކަށް ޖިންސަކަށް ނުބަލައި މީހުން މެރުމާއި އިއްފަތް ފޭރުމާއި ގެދޮރު އެންދުން ހިމެނެ އެވެ.

ދެ ނޫސްވެރިން ތަހުގީގު ކުރީ، ރާޚައިން ސްޓޭޓުގެ އުތުރުން އޮންނަ ރަށްފުށު ހިސާބެއްގައި، މިޔަންމާ ސިފައިން މަރާލި 10 މީހެއްގެ މައްސަލަ އެވެ. އެ ސަރަހައްދުގެ މީހުންނާއި އިންޓަވިއުކޮށް ފުލުހުން އަދި ސިފައިންގެ އެހީގައި ހޯދި ލިޔެކިޔުންތަކެއްގެ ސަބަބުން އެ ދެ މީހުން ހައްޔަރުކުރީ އޭގެ ފަހުންނެވެ.

އެ ރިޕޯޓާއި ގުޅިގެން މިޔަންމާ ސިފައިންވެސް ވަނީ ތަހުގީގެއް ހިންގާފަ އެވެ. އެ 10 މީހުން މަރާލި ކަމަށް އެއްބަސްވި ނަމަވެސް، އެ މީހުންނަކީ ރާޚައިން ހަނގުރާމަވެރިންނަށް ވާގިދޭ ޓެރަރިސްޓުންތަކެއް ކަމަށް ވަނީ ތަހުގީގަށް ފަހު ނިންމާފަ އެވެ. އަދި އެމީހުން މަރާލަން ޖެހުނީ، ހައްޔަރުކޮށްގެން އެ ސަރަހައްދުން އެމީހުން ނެރުމަށް ސިފައިންނަށް ނުރައްކާ އޮތުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ މައްސަލަ ބޭރުކޮށްލަމުން ކޯޓުން ބުނީ އެ ދެ ނޫސްވެރިންނަށް "ހައްގު އަދަބު" ދެވިފައިވާކަމަށާއި، ދިފާއި ވަކީލުންނަށް އެ މީހުން ކުށްނުކުރާކަން ސާބިތުކޮށްދިނުމަށް އެކަށީގެންވާ ހެކި ދެއްކިފައިވާ ނުވާ ކަމަށެވެ.