ދުނިޔެ

ނިއު ޔޯކުގެ ޖަލުން ފިލި އެކަކު މަރާލައި ދެ ވަނަ މީހާ ހޯދަނީ

Jun 27, 2015

އެމެރިކާގެ ނިއު ޔޯކުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ޖަލުން ފިލި ދެ ނުރައްކާތެރި ކުށްވެރިންގެ ތެރެއިން އެކަކު މިއަދު ހޯދައި މަރާލައިފި އެވެ.

މީހަކު ވަގަށް ނެގުމަށް ފަހު މަރާލި ރިޗަޓް މެޓް، 48، އާއި ފުލުހަކު މަރާލި ޑޭވިޑް ސްވެޓް، 34، މި މަހުގެ ހަ ވަނަ ދުވަހު ފިލާފައި ވަނީ ކްލިންޓަން ކޮރެކްޝަނަލް ފެސިލިޓީޒް ފަޅާލައިގެންނެވެ. ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ އެ ޖަލުން އެ މީހުންް ފިލީ ގޮޅީގެ ތޭރިތަކާއި ފާރު ހަލާކުކޮށްލުމަށް ފަހު މައި ހޯލު ތެރެއިން ގޮސް މަގަކަށް ނުކުމެގެންނެވެ.

ފުލުހުން ބުނި ގޮތުގައި ނިއު ޔޯކްގެ ލޭކް ޓިޓުސް ކައިރީގައި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި މަރުވެފައި ވަނީ މެޓެވެ. އޭނާ ފެނުނީ ޖަލާ ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ މެލޯން ނަމަކަށް ކިޔާ ޓައުން އިން ކަމަށާއި ކުރިމަތިލުންތައް ހިނގީ އެ ތަނުގައި ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ ސްވެޓް ހޯދުމުގެ މަސައްކަތް އެ ސަރަހައްދުގައި ކުރަމުންދާ ކަމަށެވެ. އެ ސަރަހަައްދުގައި ހުރި ކުޑަ ގެއެއްގެ ތެރޭގައި އެ ދެ މީހުން އުޅެފައިވާ ކަމުގެ ނިޝާންތައް ފުލުހުން އިއްޔެ ހޯދާފައިވެ އެވެ.

މިއީ ކްލިންޓަން ކޮރެކްޝަނަލް ފެސިލިޓީޒް އިން 150 އަހަރު ތެރޭ ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.

މި މައްސަލައިގައި، މެޓާއި ސްވެޓް ފިލަން އެހީތެރިވި ކަމުގެ ތުހުމަތުގައި ޖަލުގައި މަސައްކަތްކުރާ އަންހެން މުވައްޒަފއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. ޖަލުގެ ތޭރިތަކާއި ފާރުތައް ހަލާކުކޮށްލަން މެޓާއި ސްވެޓް ބޭނުންކުރި އާލާތްތައް ފޯރުކޮށް ދިނީ ޖޮއިސް މިޗެލް ކަމަށް ބުނާ ތުހުމަތަށް އޭނާ ދަނީ އިންކާރު ކުރަމުންނެވެ.