ހަބަރު

އަމާންކަން ދެމެހެއްޓޭނީ ރަނގަޅު ޖީލެއް ބިނާކޮށްގެން: ނައިބު ރައީސް

Jan 13, 2019

ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ ގައުމުގައި އަމާންކަން ދެމިގެން ނުދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުތަކުގެ ތެރެގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު އަމީނިއްޔާ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސްގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މީގެ ކުރީގައި ދިވެހި ސަރުކާރުން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތައުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުގުވެރިން ބަހައްޓައި، ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ ވާހަކަފުޅަށްފަހު، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އަމީނިއްޔާ ސްކުލްގެ ދަރިވަރުންނާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވެވަޑައިގެންނެވިއެވެ.