ހަބަރު

އެމްއެމްޕީއާރްސީ މައްސަލަތައް ރިވިއު ކުރަން އޭޖީއިން އަނބުރާ ނަގަނީ

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ނިމިގެންދިޔަ ސަރުކާރުގައި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތައް ރިވިއުކުރުމަށް އެ މައްސަލަތައް އަނބުރާ ނަގަން ނިންމައިފި އެވެ.

އަނބުރާ ނަގަން ނިންމީ ބަންޑާރަ އޮފީހުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ 35 މައްސަލައެކެވެ. އެ ކޯޓަށް އެމްއެމްޕީއާރްސީއާ ގުޅޭ ޖުމްލަ 39 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އެ މައްސަލަތަކަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް، އަދި ހިޔާނާތް އެކުލެވޭގޮތަށް، ފަތުރުވެރިކަމާބެހޭ ކަންކަން ތަރައްގީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްތަކާއި ބިންތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައިޓަކައި ހުށަހަޅާފައިވާ މައްސަލަތަކެވެ.

ބަންޑާރަ ނައިބު އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ 35 މައްސަލައެއް އަނބުރާ ނެގީ މައްސަލަތަކުގެ ވާގިއާތަކަށާއި، މިހާތަނަށް ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރުމަށްފަހު، އެ މައްސަލަތައް މުރާޖައާކޮށް އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި ކަމަށެވެ.

އެ މައްސަލަތައް އަނބުރާ ފޮނުއްވައިދެއްވުމަށް ސިވިލް ކޯޓުގައި މިހާރު އެދިފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެ 35 މައްސަލަ މުރާޖައާކުރުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އެހީއާއެކު، އެ މައްސަލަތައް ފުރިހަމަކޮށް، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މައްސަލަތައް އަލުން ސިވިލް ކޯޓަށް ހުށަހަޅާ، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ގެއްލުނު ފައިސާތައް އަނބުރާ ހޯދުމަށް ވެއްދި މައްސަލަތަކުގައި ގިނަ މައްސަލަތަކެއްގެ ޝަރީއަތް މިހާރު ކުރިއަށްދެ އެވެ. މި ކޮރަޕްޝަންގައި އެންމެ ބޮޑަށް ތުހުމަތު ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތަށެވެ. އެ ދެ މީހުންނަށް ވެސް އެ މައްސަލާގައި ޖިނާއީ ކުށް ވަނީ ސާބިތުވެފަ އެވެ.

މައްސަލަތައް އަނބުރާ ނަގަން ނިންމާފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ކުރަން ފަށައިފައިވަނިކޮށެވެ. އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރްސީ މެދުވެރިވެގެން ހިންގި ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެކަމަށް ބޭނުން ހިފޭނޭ ލިޔެކިއުމާއި މައުލޫމާތު ހުރި ނަމަ، އެ ކޮމިޝަނާ ހިއްސާކޮށް ދޭން ވަނީ އެދިފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ރިޔާސީ ކޮމިޝަނުން ބަލަން ފަށާފައިވާއިރު، އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ވެސް ތަހުގީގު ކޮށްފައިވާ މައްސަލައެކެވެ. ނަމަވެސް މިހާތަނަށް ވެސް އެ މައްސަލާގެ ރިޕޯޓެއް އާންމެއް ނުކުރެ އެވެ.

އޮޑިޓް އޮފީހުން ބެލިބެލުމުން އެމްއެމްޕީއާރްސީގެ ތެރެއިން 1.2 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިނގާފަ އެވެ. ދައުލަތް ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ހައްގު އަދަބު ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ކޮރަޕްޝަންގެ ތުހުމަތުތައް ވަރަށް ބޮޑަށް އަމާޒުވި ސަރުކާރެކެވެ.